ހަބަރު

ރިލްވާން މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ހުރަހެއް ނާޅާ: ޕީޕީއެމް

އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ފުލުހުން ކުރި ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުފޫޒު ފޯރުވި ކަމަށް މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އިއްޔެ ކުރެއްވި ތުހުމަތު ދޮގުކޮށް އެ މަނިކުފާނު ނިސްބަތްވާ ޕީޕީއެމުން ބަޔާނެއް ނެރެފި އެވެ.

އިދިކޮޅު ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވާއިރު އެ ކޮމިޝަނުން ހާމަކުރި މައުލޫމާތަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުން ހޯދި މައުލޫމާތު ކަމަށެވެ.

"އިއްޔެގެ ނޫސް ކޮންފެރެންސްގައި ކުށުގެ ތުހުމަތު ކުރެވޭ ކަމަށް ބުނި މީހުންނަކީ، މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަހުގީގުތަކުން ލިބުނު މައުލޫމާތުތަކަށް ބަލައި ހައްޔަރުކޮށް، ދައުލަތުން ދައުވާ ކޮށްފައިވާ މީހުން ކަން ވެސް ފާހަގަ ކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

އެހެން ކަމުން ރިލްވާނާއި ރައީސް ޔާމީނާ ގުޅުވައިގެން މީގެ ކުރިން އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން އެތައް އަހަރުތަކެއް ވަންދެން ދައްކަމުން ގެންދިޔައީ ސާބިތު ނުހިފޭ ދޮގު ވާހަތަކެއްކަން ހާމަވެގެން ގޮސްފި ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

"... އަހުމަދު ރިލްވާންގެ މަރާއި ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާ ވެސް ގުޅުމެއް ނެތް ކަން މިއަދު ވަނީ ރައްޔިތުންނަށް ހާމަވެފަ އެވެ. އެފަދަ ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކުމުން މި ޕާޓީން އެކަން ކުށްވެރި ކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.

ރިލްވާންގެ މައްސަލަ ޑައިވާޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވި ކަމަށް ސުއޫދު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް ނުދެއްވަ އެވެ. ހަމައެކަނި ވިދާޅުވީ ކަހީނަކު ގެނެސްގެން ފަންޑިތަ ހަދައިގެން ރިލްވާން މައްސަލާގައި ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ މިސްރާބު ބަދަލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ސީރިއާގައި ރިލްވާން މަރުވި ކަން ދައްކަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަސައްކަތް ކުރެއްވި ކަމަށާއި އޭނާ ވެސް ރިލްވާންގެ ތަހުގީގަށް ހުރަސް އަޅުއްވަން މަސައްކަތް ކުރެއްވި ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި އަދީބުގެ މައްޗަށް އަދުލު އިންސާފަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޔާމީންގެ މައްޗަށް އެ ދައުވާ އުފުލެވެން ނެތް ކަމަށް ވިދާޅުވި އެވެ.