ރައީސް އަބްދުﷲ ޔާމީން

ރިލްވާން މައްސަލާގައި ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އަވަސްއަށް ވިދާޅުވީ އަންގާރަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވުމަށް ރައީސް ޔާމީން އަންގާފައިވާ ކަމަށެވެ. މި އެންގުން އައީ މިއަދު ކަމަށްވެސް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނާއި ގުޅޭގޮތުން ހިނގަމުންދަނީ ސިޔާސީ ކަންތައްތަކެއް ކަމަށާ ރައްޔިތުންނަށް އެކަންކަން ކޮންމެ ދުވަހަކު އިތުރަށް ސާފުވަމުންދާ ކަމަށެވެ.

"މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރަައީސް އަބްދުﷲ ޔާމީނަށް އަނިޔާވެރިވުމަށް،"

ޖަމީލް ވިދާޅުވީ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންތައް ފެއިލްވެފައިވާ ކަމަށާ ކޮމިޝަންތައް ފެއިލްނުވާކަން ދައްކަން ކިތަންމެ ވަަރަކަށް މަސައްކަތް ކުރިނަމަވެސް ރައްޔިތުންނަށް ހަގީގަތް ސާފު ކަމަށެވެ.

"މަރު ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން،" ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް އަބްދުﷲ ޔާމީނަށް އަނިޔާވެރިވުމަށް. ތިނެއް އޯގަސްޓަށް ރައީސް ޔާމީން މަރުކޮމިޝަނަށް ހާޒިރުވުމަށް މިއަދު އަންގައިފި. މި ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ރައީސް ޔާމީންގެ އިސް ވަކީލް

ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރާއިރު މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އިތުރު ދެ ދައުވާއެއްގެ ޝަރީއަތް މިއަދު ވަނީ ފަށާފައެވެ.

ވަގަށް ނަގައި މަރާލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވަނީ ރީއެނެކްޓްމެންޓް ވީޑިއޯއެކެވެ. ވީޑިއޯ އަކީ ރިލްވާން ކާރަކަށް އެރުވި ވަގުތު ކަން ހިނގި ގޮތް ކަމަށް ލަފާކުރެވޭ ކަންކަމާއި ކުރިންވެސް އާންމުކޮށްފައިވާ ހަގީގީ މަންޒަރުތައް ހިމެނޭ ވީޑިއޯއެކެވެ.

އެވީޑިއޯގައި ރިލްވާން ގެއްލުނު ރޭ މާލޭ ތެރޭގައި ހަރަކާތްތެރިވި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ބައިތައް ދައްކަ އެވެ. އޭނާ އެރޭ ބައިބަލާ މެޗް ބަލަން ދިޔަ ތަނާއި މެޗް ނިމުމުން ހުޅުމާލޭ ފެރީ ޓާމިނަލްއަށް ދިޔަ މަންޒަރު ވެސް ދައްކަ އެވެ. އޭނާގެ ފަހަގުން ފާރަލަމުން ދިޔަ މީހުންގެ މަންޒަރު ވެސް ވީޑިޔޯގައި ދައްކަ އެވެ.

ވީޑިއޯގައި ބުނެފައި ވަނީ ރިލްވާނަށް ގެއަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ އޭނާ ގެއްލުނު ރޭ 1:45 ކަންހާއިރު ކަމަށެވެ. އޭރު އޭނާގެ ފްލެޓް ކައިރީގައި ރަތް ކާރެއް މަޑުކޮށްފައި އޮންނަ ކަމަށް ވީޑިއޯގައި ބުނެ އެވެ. ފްލެޓް ކައިރިއަށް ރިލްވާނަށް ދެވުމާއިއެކު ގަދަކަމުން އޭނާ ކާރަށް އަރުވާކަން ސިފަކޮށް މަންޒަރު ވީޑިއޯ އިން ދައްކައެވެ. ކާރަށް އޭނާ އެރުވި ވަގުތު އެކަން ކުރި މީހުންގެ އަތުން ވަޅިއެއް ވެއްޓުނު މަންޒަރު ސިފަކޮށްދޭ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.

ކޮމިޝަނުން ވީޑިއޯގައި ބުނެފައި ވަނީ ރިލްވާން ގެއްލުނު ރޭގައި އެ މަންޒަރު ފެނުނު ނުވަތަ އެ ކަމުގެ މައުލޫމާތު ދެވޭނެ މީހުން މުޖްތަމައުގެ ތެރޭގައި އަދިވެސް އުޅޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދާ ދިނުމަށާއި ދައުލަތުން ގެއްލުނު ފައިސާތައް ހޯދުމަށް އުފެއްދެވި ދެ ކޮމިޝަނަށެވެ. ނަމަވެސް އެ ދެ ކޮމިޝަނަށް މިހާތަނަށް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

އެކަމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ރައީސް ސޯލިހާއި ރިޔާސީ ކޮމިޝަންތަކަށް އަމާޒުވެފައިވެއެވެ. މަރުތަކަށް އިންސާފު ހޯދުމާއި ދަައުލަތުން ގެއްލުނު ފައިސާ ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ކެންޕެއިންގައި އެންމެ ކުރިއަށް ނެރުއްވި ވައުދުތަކެވެ.