ހަބަރު

މިވަގުތުގެ އަމާޒަކީ ގާސިމް ވެރިކަމަށް ގެނައުން: ނަޝީދު

Jan 29, 2015
2

މިހާރު އެންމެ ބޮޑު އަމާޒަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ފަހު ގާސިމް ވެރިކަމަށް ގެންނަންޖެހޭ ކަމަށާއި އެމަނިކުފާނުގެ މަސައްކަތް ކުރައްވާނީ އެކަމަށް ކަމަށެވެ. އަދި އެކި ޕާޓީތައް ހިމެނޭ ވެރިކަމުގެ ނިޒާމެއް ގެންނާނީ އޭގެފަހުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި 2018 ގެ ކުރިން ވެރިކަން ބަދަލު ކުރަންޖެހޭނެ ކަމަށާއި އެކަން އެގޮތަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި 2018 އާ ހަމައަށް މަޑު ކުރުމަކީ އަޅުގަނޑުމެންނަށް އަދި އަޅުގަނޑުމެންގެ ސިޔާސީ ހަޔާތަށް ލިބޭނެ ގެއްލުމެއް. އަޅުގަނޑު މި އެދެނީ މި ރާއްޖޭގެ ކަންކަން ރަނގަޅު މަގަށް ގެނައުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ވަރަށް އަވަހަށް ވެއްޓޭނެ ކަމަށާއި ނަމަވެސް ވެރިކަން ބަދަލުވާނީ ބަޣާވާތަކުން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނާއި ބޭރުގެ ގައުމުތަކުގެ އިތުރުން ބޭރުގެ އިންވެސްޓަރުން ވެސް އެދެނީ ރާއްޖޭގެ ސަރުކާރުން ބަދަލުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާސިމް ވެރިކަމަށް ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވުމުގެ އިތުރުން ޑިފެންސް މިނިސްޓަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ނާޒިމަށް ވެސް ތައުރީފްކޮށް ނަޝީދު މިރޭ ވަނީ ވާހަކަ ދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށް ބުނެ ފުލުހުން އެތަން ފާސްކުރީ އާންމު އުސޫލާ ޚިލާފަށެވެ. އަދި ނާޒިމްގެ އެޕާޓްމެންޓް ފުލުހުން ފާސްކުރީ ކުޑަކަކޫ މައްޗަށް ނާޒިމް ތިރި ކުރުމަށް ފަހު އޭނާގެ ބޮލުގައި ބަޑިޖައްސައިގެން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ބައެއް ބޭފުޅުންނާ އެކު މަސައްކަތް ކުރުމަށް ބައެއް ފަރާތްތަކަށް އުނދަގޫ ވެދާނެ ކަމަށާއި ނަމަވެސް ޒާތީ ހަސަދަވެރިކަމަށް ވުރެ ބޮޑަށް ގައުމުގެ ކަންކަމަކަށް މިހާރު އިސްކަން ދޭންޖެހޭ ކަމަށެވެ. އެހެންވެ ކުޑަކޮށް އުނދަގޫވި ނަމަވެސް ބައެއް ބޭފުޅުންނާ އެކު މަސައްކަތް ކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.