މޯލްޑިވްސް ޕޮލިސް ސާވިސް

ލަނޑުދަނޑި ހާސިލްވާނީ ފުލުހުންނަށް ހުރި ގޮންޖެހުންތައް ނައްތާލައިގެން: ބިޝާމް

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ފުލުހުންގެ އެއްބާރުލުން ލިބިގެންކަމަށްވާތީ ފުލުހުންގެ ޒިންމާ ފުރިހަމަޔަށް އަދާކުރުމުގައި ދިމާ ގޮންޖެހުންތައް ނައްތާލަންޖެހޭކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

މައްސަލަތައް ތަހުގީގުކޮށް ޕްރޮސެކިއުޓް ކުރުމުގައި ފުލުހުންނަށް ދިމާވާ ދަތިތައް ހިއްސާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްއާ އާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޕޮލިސް ކަމިޝަނާ އަހުމަދު އަރީފް ގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި ވާޙަކަފުޅުދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ، ބައެއް ބައެއް ކަންކަންކުރުމުގައި ކަނޑައެޅިފައި އޮންނަ ބައެއް ކަހަލަ އުސޫލްތަކުގެ ސަބަބުން އެ އޮފީހުގެ މަސައްކަތްތަކަށް ވެސް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ފުލުހުންގެ ތަހުގީގުތައް ކުރިއަށްގެންދިއުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް ބިޝާމް ވަނީ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމަށް އެކަށީގެންވާ ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމްތައް އަތޮޅުތަކުގައި ނެތްކަން ފާހަގަކޮށް އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ފުލުހުންގެ އިދާރާއަށް މަޝްވަރާދެއްވާފަ އެވެ.

ބިޝާމް ވިދާޅުވީ، ކުރިއަށް އޮތް ހަތަރު އަހަރު އެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭންގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ފުލުހުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ. ނަމަވެސް އެ ސިޔާސަތުތައް ހާސިލްކުރުމަށް ފުލުހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުންވެސް ކޮންމެހެން މުހިއްމުކަމަށެވެ. އެގޮތުން މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅެއްގެ ގޮތުގައި، އަލަށް އުފެދުނު ޤާނޫނުތަކަށް ފުލުހުން ހޭލުންތެރިކުރުމަށް ޓްރެއިނިން ޕްރޮގްރާމް ހިންގުމާއި ގާނޫނުލްއުގޫބާތަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަންޖެހޭކަމަށް ބިޝާމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނާ އަރީފު ވެސް ވަނީ އެ މުއައްސަސާއަށް ދިމާވާ ބައެއް މައްސަލަތައް ޕީޖީއާއި ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ފުލުހުންނަށް ހުށަހެލޭ މައްސަަތައް ދިރާސާ ކުރުމާއި ތަހުގީގުކުރުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތަކުގެ ސަބަބުން ދަތި ކުރިމަތިވާ ކަން އަރީފް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ އުސޫލު އަލުން ރިވިއުކޮށް، މިހާރަށްވުރެ އުފެއްދުންތެރިކޮށް މަސައްކަތް ކުރިއަށްގެންދާނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދިލެއްވި އެވެ.

ކުށްވެރިން ބޮޑެތި ކުށްތަކުން ބަރީއަވެގަތުމަށް ތަފާތު ގާނޫނުތަކުގެ ތެރެއިން މަގުފަހި ވެފައިވާކަން ފާހަގަކޮށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފުލުހުންގެ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެފަދަ ކަންކަން ހައްލުކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް ވެސް އެބޭފުޅުން ވަނީ އެދިލައްވާފަ އެވެ.

ފުލުހުންނާއި އެކު ޕީޖީ ބިޝާމް ބޭއްވި ބައްދަލުވުމަކީ އެކަމަނާ މަގާމާއި ހަވާލުވެވަޑާއިގެންނެވިފަހުން ބޭއްވި މިފަދަ ފުރަަތަމަ ބައްދަލުވުމެވެ.