ހަބަރު

ހުޅުލެ އާއި ހުޅުމާލެ ގުޅޭ ހައިވޭ ބްރިޖުގެ ކުރިން ނިންމަނީ

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ނިމުމުގެ ކުރިން ހުޅުލެ އާއި ހުޅުމާލެ ދެމެދު ހަދާ މަގު ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވީ ހައިވޭއެއް ގޮތަށް ފުޅާކޮށް އޮންނަ އެ މަގު ހަދާނީ ބްރިޖު ނިމޭ ހިސާބުން ވަކި ހިސާބަކާއި ހަމަޔަށް ކަމަށާއި އެ މަގު މިހާރު ބޭނުން ކުރާ ރޫޓު ނޫނީ އެހެން ރޫޓަކަށް ވެސް ވެދާނެ ކަމަށެވެ. އަދި މި މަގު ހެދުމަށް މޫދު ތެރެއިން ކޮންމެވެސް ވަރަކަށް ހިއްކަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެއަކަސް އަމާޒަކީ ބްރިޖު ނިމުމުގެ ކުރިން އެ މަގު ހެދުމުގެ މަސައްކަތް ނިންމުން. މިއަހަރު ތެރޭގައި ކޮންސަލްޓަޓް ހަމަޖެހި ޑިޒައިން އާއި އީއައިއޭ ނިމި ބަޔަކު ހަމަޖެހިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖުގެ މަތިން އެއްވެސް ޓްރެފިކް ހުއްޓުމެއް ނެތި ހުޅުމާލެއަށް ދެވޭގޮތަށް މަގު ހަދާ އިރު އެ މަގު ޑިޒައިން ކުރުމަށާއި އެހެނިހެން މަސައްކަތަކަށް ބަޔަކު ހޯދަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.