ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔާމީން ރަޝީދުގެ މިރޭ އެ ޕާޓީން ވަކިވެ ވަޑައިގެން ޕީޕީއެމަށް ސޮއި ކުރައްވައިފި އެވެ.
ޔާމީނާއެކު ވެލިދޫގެ ވަރަށް ގިނަ ޒުވާނުންނާއި ކުރީގެ ބައެއް ވެރިންނާއި އެރަށުގެ ވަރަށް ގިނަ އަދަދެއްއާންމުންނާއި ވަރަށް ގިން އަދަދެއްގެ އާންމުން ވެސް މިރޭ ވަނީ ޕީޕީއެމާ ގުޅިފަ އެވެ.
އުމުރުން 23 އަހަރުގެ ޔާމީން މިރޭ ވަނީ ފުރަތަމަ ފަހަރަށް ޕީޕީއެމްގެ ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވާފަ އެވެ.
އޭނާ އެމްޑީޕީއަށް ފާޑު ކިޔަމުން ވިދާޅުވީ "އެ އޮޑީގައި ޑިމޮކްރަސީގެ ކަންފުޅެއް ވެސް ނެތް" ކަމަށާއި، އެމްޑީޕީގެ އޮޑީގައި މީހުން ފިތި ފުންމަމުންދާއިރު އެމްޑީޕީގެ އޮޑިން ފެންނަނީ ހުދުމުހުތާރު ސިފަތައް ކަމަށެވެ.
"އެމްޑީޕީގެ އޮޑި ފުރިއްޖެ! އެ އޮޑީގައި ޒުވާނުން ފައިގައި އަޅުވާލައި ވައްޓާލާ، އަދިވެސް އެ އޮޑި ފިތޭ ވަރަކަށް އަންނަން ތިބި މީހުން ވާނީ ގިނަ،” ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުން ތަރައްގީ ގެނެސްދޭން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން އުފަލުން ފިޔަ ޖަހަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ސަރުކާރު ދާ މިސްރާބަށް ކުރިއަށް ދާނެ ކަމަށް. މި އޮޑި މިދަނީ ޑިމޮކްރަސީއާއިއެކު ކުރިއަށް،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ދޫކޮށް ނިކުތީ "ބާގީން، ގާޒީންނަށް" ވުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މި އޯގާތެރި ސަރުކާރުން އުންމީދު ފެނޭ. ހަމަ ގައިމުވެސް އަޅުގަނޑަކަށް ފެންނަނީ ޒުވާނަކަށްފަހު ޒުވާނެއް ހަމަ އަރަމުންދާ ތަން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އޮޑި (އެމްޑީޕީ) އިން ޒުވާނުންގެ ފައިގައި އަޅައި ވައްޓާލަނީ ކަމަށެވެ.
"ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު ހުރިހާ ދިމާލަކުން އެކަން ފެނިއެކަން އިހުސާސްވާން ޖެހޭނެ. އެކަމަކު އެ އޮޑީގައި ޑިމޮކްރަސީގެ ކަންފުޅެއް ވެސް ނެތް. އެހެން ނަމަވެސް ފެނިގެން ދަނީ ހުދުމުހުތާރު ސިފަތަކެއް. އެހެންނަމަވެސް މި އޮޑި މި ދަނީ ޑިމޮކްރަސީއާއި އެކު ކުރިއަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީނާއި އޭނާއާއެކު ސޮއި ކުރި އެންމެންގެ މެމްބަރުޝިޕް ފޯމާ ހަވާލުވެ ވަޑައިގެންނެވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރަައީސް އަބްދުﷲ ޔާމީނެވެ.