ހަބަރު

މާލޭ ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި އަނިޔާވި ގައިދީއަކަށް ފަރުވާދެނީ

މާލޭ ޖަލުގައި ރޭ ހިނގި ހަމަނުޖެހުމެއްގައި އަނިޔާވި ގައިދީއަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންގެންދާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ހަސަން މިރޭ ވިދާޅުވީ، ހަމަނުޖެހުން ހިނގީ ރޭ 10:30 ހާއިރު ކަމަށެވެ. ހަސަން ވިދާޅުވި ގޮތުގައި، ހަމަނުޖެހުން ހިނގީ، ގޮޅިއެއް ބަލާ ފާސްކުރުމަށް ކަރެކްޝަނަލްގެ އޮފިސަރުންތަކެއް އެ ގޮޅިއަށް ވަންނަން މަސައްކަތްކުރުމުން އެކަމަށް ގައިދީން ހުރަސް އެޅުމުން ކަމަށެވެ. އެކަން ކޮންޓްރޯލުކުރަން އުޅުމުގެ ތެރޭގައި ބައެއް އޮފިސަރުންނަށާއި ގައިދީންނަށް އަނިޔާވި ކަމަށެވެ.

ހަސަން ވިދާޅުވީ، އަނިޔާވި އޮފިސަރަކަށާއި ގައިދީއަކަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާ ކަމަށެވެ. ގައިދީއަށް އަދިވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންގެންދާއިރު، އޮފިސަރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފަ އެވެ. މި ދެ މީހުންގެ އިތުރުން ވެސް އިތުރު ގައިދީންނަށާއި އޮފިސަރުންނަށް އަނިޔާވި އެވެ. އެމީހުންނަށް ޖަލުގެ މެޑިކަލުން ފަރުވާދިން ކަމަށް ހަސަން ވިދާޅުވި އެވެ.