ހަބަރު

ވާދޫގެ އުތުރުކޮޅު ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަނީ

ރ. ވާދޫގެ އުތުރުކޮޅު ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ. މިކަން އިއުލާންކޮށް އެ ކައުންސިލުން ވަނީ އިއުލާނެއް ނެރެފަ އެވެ.

ކައުންސިލުން ނެރުނު އިއުލާނުގައިވާ ގޮތުން، ވާދޫ އުތުރުކޮޅު ސަރަހައްދު ފަތުރުވެރިކަމުގެ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ ތިން ހެކްޓަރުގެ ބިމުގެ ތެރެއިން 1.5 ހެކްޓަރުގެ ބިން ގެސްޓްހައުސް ތަރައްގީކުރުމަށާއި، އަދި ބާކީ 1.5 ހެކްޓަރުގެ ބިން ފަތުރުވެރިކަމާ ގުޅުންހުރި ވިޔާފާރި އާއި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް އެކުގައި ތަރައްގީކުރުމަށްޓަކައި ކަނޑައަޅާފައިވާ ކަމަށެވެ.

އެ ދެ ބިމުގައި އަމިއްލަ ހަރަދުގައި ޓޫރިސްޓް ގެސްޓްހައުސްއާއި، ޓްއަރިޒަމާ ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްގީކޮށް، އަދި އެތަންތަން އިމާރާތްކުރުމަށްފަހު އެތަންތަން ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ބިޑް ތައްޔާރުކޮށް، ބިޑް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ދައުވަތު ދީފަ އެވެ.

ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތުން ގެސްޓްހައުސް ތަރައްގީކުރުމަށް ދޫކުރެވޭ 1.5 ހެކްޓަރުގެ ބިން ކުއްޔަށް ދޭނީ ޓްއަރިޒަމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން، ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީހުން ފެށިގެން 50 އަހަރުދުވަހުގެ މުއްދަތަށެވެ. އަދި، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރި ތަރައްގީކުރުމަށް ދޫކުރެވޭ 1.5 ހެކްޓަރުގެ ބިން ކުއްޔަށް ދޭނީ 50 އަހަރުދުވަހުގެ މުއްދަތަށެވެ.