އާސަންދަ

ހުޅުމާލޭ ހޮސްޕިޓަލުގައި އަންހެނުންނާއި ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ފަރުވާދެނީ

އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް މިމަސް ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލްގައި ހިދުމަތް ދެމުން ގެންދާނެ ކަމަށް އާސަންދަ އޮފީހުން ބުނެފި އެވެ.

އާސަންދާ އިން މިހެން ބުނި އިރު ދާދިފަހުން ހެލްތު މިނިސްޓްރީ އިން ވަނީ ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފަ އެވެ.

އާސަންދަ އޮފީހުން ބުނީ އާސަންދަގެ ހިދުމަތް ލިބޭ ގައުމުތަކުގެ ހޮސްޕިޓަލްތަކުގެ އެހީގައި ރާއްޖޭގައި މިހާރު ލިބެންނެތް ސްޕެޝަލިސްޓު އަދި ސުޕަ ސްޕެޝަލިސްޓްގެ ހިދުމަތްތައް ދިނުމަށް ހިނގައި ޕްރޮގްރާމްގެ ތެރެއިން މަމަސްތެރޭގައި ހުޅުމާލޭ ހޮސްޕިޓަލްގައިވެސް ދެ ޑޮކްޓަރުން ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ. އެގޮތުން އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް މިމަހުގެ 29 އިން 31 އަށް އަދި ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް މިމަހު 29 އިން 30 ހުޅުމާލޭ ހޮސްޕިޓަލްގައި ބަލަމުންގެންދާނެ ކަމަށް އާސަންދަ އޮފީހުން ބުންޏެވެ.

އެއޮފީހުން ބުނީ އަންހެނުންގެ ޑޮކްޓަރ ފަރުވާ ދެއްވާނީ މައްސަރުގެ ކަންތަކާއި އަންހެނުންގެ ދަރިމައިވުމުގެ ނިޒާމުގެ ބަލިތަކާއި އަދި މާބަނޑުވުމާއި ވިހެއުމާ ގުޅިގެން ދިމާވާ މައްސަލަތަކަށް ކަމަށެވެ. މީގެތެރޭގައި ގިނައިން ލޭއައުމާއި، ރަހިމު އަދި އޯވަރީ އާއި ގުޅިފައިވާ އެކިއެކި ގުނަވަންތަކަށް ދިމާވާ މައްސަލަތައް ފަރުވާ ކުރާނެ ކަމަށް އާސަންދަ އޮފީހުން ބުންޏެވެ.

ކަށީގެ ޑޮކްޓަރު ފަރުވާ ދެއްވަނީ ހުޅުހުޅުގެ މައްސަލައާއި ލިގަމެންޓްގެ މައްސަލަތައް ކަމަށް އާސަންދަ އޮފީހުން ބުންޏެވެ. އޭގެތެރޭގައި އާތްރައިޓިސް، ހުޅުހުޅުގައި ރިއްސުން، ބިންދައިގެން ދިއުން، ކަށިފީވުން އަދި އުނަގަނޑުގައި ރިއްސުމާއި، އުފަންވާއިރު ކަށީގެ މައްސަލަތައް ދިމާވެފައިވާ ކުދިންނަށް ފަރުވާ ދިނުމާއި ސެރެބްރަލް ޕަލްސީގެ ސަބަބުން ކަށިތަކަށް ދިމާވާ މައްސަލަތަކާ މައިބަދައިގެ މައްސަލަތަކުގެ އިތުރުން ސްކޯލިއޯސިސް ފަދަ ކަންތައްތައް ހިމެނެއެވެ.

އާސަންދަ އޮފީހުން ބުނީ މީގެ އިތުރުން ވެސް އަންނަ މަހު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކިޑްނީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކު ބައްލަވާނެ ކަމަށެވެ. މިޑޮކްޓަރ ފަރުވާ ދެއްވާނީ ކިޑްނީ ފެއިލްވުމާއި، ކިޑްނީގައި ހިލަ އުފެދުމާއި، ކިޑްނީ ބަދަލުކޮށް ފައިވާ ބަލިމީހުންނާއި، ޑައިލަސިސް ހަދަމުންދާ ބަލިމީހުން ކަމަށް އެއޮފީހުން ބުންޏެވެ.