އާސަންދަ ކުންފުނިން ހިންގަމުން އައި ހުޅުމާލެ ހޮސްޕިޓަލްގެ ހިންގުން މާލެ ހޮސްޕިޓަލްސްގެ ގަވަނިން ބޯޑުގެ ދަށަށް ބަދަލު ކޮށްފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލް ހިންގާނީ މާލެ ހޮސްޕިޓަލްސްގެ ގަވަނިން ބޯޑުގެ ދަށުން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައި ހޮސްޕިޓަލަށް އަންގަވާފައިވާ ކަމަށެވެ.
ސަރުކާރުން ގެނައި މި ބަދަލާ ގުޅިގެން މާލެ ސަރަހައްދުގައި ހިމެނޭ ސަރުކާރުގެ ތިން ހޮސްޕިޓަލް ކަމުގައިވާ މާލޭގައި ހުންނަ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން ވެސް އޮތީ މާލެ ހޮސްޕިޓަލްސްގެ ގަވަނިން ބޯޑުގެ ދަށުގަ އެވެ.
މި ބަދަލާއެކު ވެސް ހޮސްޕިޓަލުން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކަށް ބުރަލެއް ނާރާނެ ކަމަށާއި ހިދުަތްތައް ކުރިއެކޭ ވެސް އެއް ގޮތަށް ލިބެމުން ދާނެ ކަން ހޮސްޕިޓަލުން ހިދުމަތް ހޯދާ އެންމެނަށް ޔަގީން ކަން ހޮސްޕިޓަލުން ދޭ ކަމަށެވެ. އަދި އާސަންދަ ކުންފުނީގެ ދަށުން ހޮސްޕިޓަލްގެ ހިންގުން ވަކިވި ނަމަވެސް ސަރުކާރުގެ އެހެން ހޮސްޕިޓަލްތަކެކޭ އެއް ގޮތަށް އާސަންދަ ސްކީމްގެ ހުރިހާ ހިދުމަތެއް ހުޅުމާލެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ.
"މީގެ އިތުރުން ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ތަރައްގީ ކުރުމަށް މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތައް ވެސް އެއްވެސް މަޑުޖެހުމެއް ކުރިއަށް ދާނެ އެވެ." ހުޅުމާލެ ހޮސްޕިޓަލް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.