ހުޅުމާލެ ހޮސްޕިޓަލުން ހިތާނު ކުރި ކުއްޖެއްގެ ކުރިމަތި ފަރާތް ފިހުނު މައްސަލަ އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.
އެކަމާ ގުޅޭގޮތުން ހުޅުމާލޭ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު މިއަދު ވިދާޅުވީ އެކަން ހިނގި ކަމަށާއި ވަގުތުން އެ ކުއްޖާގެ ބެލެނިވެރިންގެ ފަރާތުން މާފަށް އެދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހިނގި ގޮތް ބަލާ ތަހުގީގު ކުރަމުން އަންނަ އިރު އެކަމުގައި ޝާމިލްވާ މުވައްޒަފުންގެ ބަޔާން ނަގައިފައި ވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ކުއްޖާ އަށް ގެއްލުން ލިބިފައިވަނީ ބޭރުފުށުން ކަމަށް ވިޔަސް އެއީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
މި ކަން ހިނގައިދިޔަ ގޮތް މީގެ ކުރިން ވަނީ އާއިލާ އިން އަވަސް އާ ހިއްސާ ކޮށްފަ އެވެ. ފަސް އަހަރުގެ އެ ކުއްޖާގެ ބައްޕަ ބުނި ގޮތުގައި މިދިޔަ ހަފްތާގައި ހުޅުމާލެ ހޮސްޕިޓަލްގައި ދަރިފުޅު ހިތާނަކޮށް ގެއަށް ގެންދިޔުމަށްފަހު ވަރަށް ގިނައިން ލޭ އަންނަމުން ދިޔަ އެވެ.
އަދި ލޭ މަނާ ނުވާތީ ހޮސްޕިޓަލް އެމަޖެންސީއަށް ގެންގޮސް ހިތާނަކުރުމަށްފަހު ޖަހާފައިވާ ބޭސްގަނޑު އެ ތަނުގައި ތިބި ދެ ޑޮކްޓަރުން ނައްޓާލި ކަމަށާއި އެ ދެ ޑޮކްޓަރުން އެކަން ކުރީ ހިތާނަކުރާ ޑޮކްޓަރުގެ ލަފައެއް ނެތި ކަމަށް ކުއްޖާގެ ބައްޕަ ވަނީ ބުނެފަ އެވެ.
އޭނާ ބުނި ގޮތުގައި ބޭސްގަނޑު ނައްޓާލުމަށްފަހު ހިތާނަކޮށްފައިވާ ތަނުގައި އެމަޖެންސީގައި ތިބި ދެ ޑޮކްޓަރުން ބޭހެއް އުނގުޅި އެވެ. އެ ބޭސް އުގުޅުމާއެކު ދަރިފުޅުގެ ކުރިމަތި ފަރާތް އެއްކޮށް ފިހިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި ފަހުން އެ ޑޮކްޓަރުން އެ ކުއްޖާއަށް އެޓެންޑް ނުވާ ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.