ހަބަރު

ހިތާނަކުރި ކުއްޖަކަށް ދިން ބޭހަކުން ފިހުނު މައްސަލައެއް

Dec 3, 2019
1

ހުޅުމާލެ ހޮސްޕިޓަލްގައި ހިތާނަކުރި ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ކުރިމަތި ފަރާތް ފިހިފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަން ހިނގާފައިވަނީ އިއްޔެ އެވެ. ފަސް އަހަރުގެ އެ ކުއްޖާގެ ބައްޕަ މިއަދު އަވަސްއަށް ބުނި ގޮތުގައި އިއްޔެ ނޫން އަނެއް ދުވަހު ހުޅުމާލެ ހޮސްޕިޓަލްގައި ދަރިފުޅު ހިތާނަކޮށް ގެއަށް ގެންދިޔުމަށްފަހު ވަރަށް ގިނައިން ލޭ އަންނަމުން ދިޔަ އެވެ.

އެހެންވެ ލޭ މަނާ ނުވާތީ ހޮސްޕިޓަލަށް އިއްޔެ އަނެއްކާވެސް ދަރިފުޅު ގެންދިޔައީ އެވެ. ދަރިފުޅު ހޮސްޕިޓަލްގެ އެމެޖެންސީއަށް ގެންދިޔުމުން ހިތާނަކުރުމަށްފަހު ޖަހާފައިވާ ބޭސްގަނޑު އެ ތަނުގައި ތިބި ދެ ޑޮކްޓަރުން ނައްޓާލި ކަމަށާއި އެ ދެ ޑޮކްޓަރުން އެކަން ކުރީ ހިތާނަކުރާ ޑޮކްޓަރުގެ ލަފައެއް ނެތި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބޭސްގަނޑު ނައްޓާލުމަށްފަހު ހިތާނަކޮށްފައިވާ ތަނުގައި އެމަޖެންސީގައި ތިބި ދެ ޑޮކްޓަރުން ބޭހެއް އުނގުޅި އެވެ. އެ ބޭސް އުގުޅުމާއެކު ދަރިފުޅުގެ ކުރިމަތި ފަރާތް އެއްކޮށް ފިހިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"ބޭސް އުނގުޅުމާއެކު ދަރިފުޅު ރޯން ފެށީ، އެއްކޮށް ފިހިގެން ދިޔައީ، ދަރިފުޅު މަރަށް ތެޅެމުން ދިޔައީ، އެކަން އެހެން ހިނގުމާއެކު އެ ދެ ޑޮކްޓަރުން ނުކުމެގެން ގޮސްފި،" އޭނާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ބޭސް ދިން ދެ ޑޮކްޓަރުން އޭގެ ފަހުން ކުއްޖާއަށް އެޓެންޑެއް ނުވެ އެވެ. އެމީހުން ކުއްލިއަކަށް ގެއްލުނީ ކަމަށާއި އޭރު ވެސް ދަރިފުޅު ދިޔައީ ރޮއެހޭރަމުން ކަމަށް އޭނާ ބުންޏެވެ. އިރުކޮޅަކުން އެނގުނީ ދެ ޑޮކްޓަރުން ޑިއުޓީ ނިންމާފައި ގެއަށް ދިޔައީކަން ކަމަށާއި ނަމަވެސް އެއީ ޑޮކްޓަރުންގެ ޑިއުޓީ ނިމޭ ގަޑިއެއް ނޫންކަން އޭނާ ފާހަގަކުރި އެވެ.

"ދަރިފުޅު އެ ހާލުގައި އޮތުމުން އަހަރެން ދިޔައީ ހޮސްޕިޓަލް އޮފީހަށް، އޮފީހުން މީހުން އެމެޖެންސީއަށް އައިސް ހިތާނީ ޑޮކްޓަރު ގެނައީ، އެ ޑޮކްޓަރު އައިސް ބެލުމަށްފަހު އެ ބޭސް އުނގުޅީ ކީއްވެތޯ އާއި ކޮން ބޭހެއްތޯ ނަރުސް ކައިރީގައި އެހި، ނަރުސް ސިއްރުން އެ ބޭހުގެ މައުލޫމާތު ޑޮކްޓަރަށް ދިނީ، އަދިވެސް ދިނީ ކޮން ބޭހެއް ކަމެއް ހޮސްޕިޓަލުން ނާންގާ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ކުއްޖާގެ ހާލު ގޯސްކަމުން ހިތާނީ ޑޮކްޓަރު، ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސް ފަރުވާދިން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާރު ވެސް ދަރިފުޅުގެ ހާލު ރަނގަޅު ނޫން ކަމަށާއި ހިތާނަކުރި ތަނުގެ ހަންގަނޑު ވެސް ފޮޅެމުންދާ ކަމަށް އޭނާ ބުންޏެވެ.

"ކަންބޮޑުވުމަކީ މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ނުވުން، އެ ޑޮކްޓަރުން ގެއްލެންވީ ކީއްވެ؟ ބޭހުގެ މައުލޫމާތު ނުދިން، އެމެޖެންސީއިން ދަރިފުޅަށް ފަރުވާދިން ކަމުގެ މެމޯއެއް ވެސް ނުދިން، މިކަން އޮފީހަށް އެންގިން،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސޯޝަލް މީޑިއާގައި އޭނާ އެ ހާދިސާ ތިލަކުރުމާއެކު ހުޅުމާލެ ހޮސްޕިޓަލުން ވަނީ މެސެޖެއްކޮށް އެ މައްސަލަ ހޮސްޕިޓަލްގެ ބޯޑަށް ހުށަހަޅައިގެން އެކަން ހިނގައިދިޔަ ގޮތް ބަލާނެ ކަމަށް ބުނެފަ ކަމަށެވެ.