ހަބަރު

އާސަންދައިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފި

އާސަންދަ ކުންފުނިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފި އެވެ.

އާސަންދަ ކުންފުނިން ބުނީ، މިއަދުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލް ހިންގުން އެކުންފުނިން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ހިންގުން އެކުންފުނިން ދޫކޮށްލާފައިވަނީ ސަރުކާރުން އެގޮތަށް ނިންމުމުން ކަމަށާއި، ސަރުކާރުގެ އެ ނިންމުން އެކުންފުންޏަށް ޑިސެމްބަރު 26 ގައި އަންގާފައިވާ ކަމަށެވެ.

އާސަންދަ ކުންފުންޏާ ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އެޕްރީލްމަހުގެ 3 ވަނަ ދުވަހު އެވެ. އެކުންފުނިން ހުޅުމާލެ ހޮސްޕިޓަލާ ހަވާލުވެ، އެ ކުންފުނީގެ ބަޖެޓުން 193 މިލިއަން ރުފިޔާ ހަރަދުކޮށް، ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފަ އެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާދޭން އެ ހޮސްޕިޓަލުން ފަށާފައިވަނީ އާސަންދައިގެ މެނޭޖްމަންޓްގެ ދަށުންނެވެ.

މީގެ ކުރިން 2018 ވަނަ އަހަރުވެސް ރައީސް އޮފީހުން ވަނީ އެ ހޮސްޕިޓަލް ހިންގުން އާސަންދަކުންފުނިން ނަގާ ހެލްތު މިނިސްޓްރީއާއި ހަވާލުކޮށްފަ އެވެ. އެހެން ނަމަވެސް އެ ފަހުންވެސް އެހޮސްޕިޓަލް މެނޭޖްކުރަމުންގޮސްފައިވަނީ އާސަންދަ ކުންފުނިންނެވެ.

ހުޅުމާލެ ހޮސްޕިޓަލް މިހާރު ހިންގަން ސަރުކާރުން ހަވާލުކޮށްފައިވަނީ އަދި ކޮން ފަރާތަކާއި ކަމެއް އެނގިފައެއް ނުވެ އެވެ.