ހަބަރު

ހުޅުމާލެ ހޮސްޕިޓަލްގައި ހޮނިހިރު ދުވަހު އެމްއާރްއައި ހިދުމަތް ފަށަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލްގައި އެމްއާރްއައި ސްކޭންގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި އެމްއާރްއައި ސްކޭން ސިސްޓަމް އިންސްޓޯލް ކޮށް ހިދުމަތްދޭން ތައްޔާރުވެފައިވާތީ، އެތަނަށް ގެނެވިފައިވާ ބަދަލުތައް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވަނީ ބައްލަވާ ލައްވައިފަ އެވެ.

އެމްއާރްއައި ސްކޭން ރޫމް ބައްލަވާލެއްވުމަށްފަހު މީޑިއާއާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގައި އެމްއާރްއައި ސްކޭން މެޝިން ބަހައްޓައި ހިދުމަތް ދިނުމަށް މިހާރު ވަނީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށާއި އަންނަ ހަފްތާގައި ހިދުމަތްދޭން ފަށާނެ ކަމަށެވެ. އަދި މިކަމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާ ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި މާލެ ނުގޮސް ސަރުކާރު ހޮސްޕިޓަލަކުން ހުޅުމާލޭގައި އެމްއާރްއައިގެ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އައިޖީއެމްއެޗްގައި އޮތް ދިގު ކިއޫ އަށްވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ، މިއީ ހުޅުމާލެ ހޮސްޕިޓަލްގެ އެކްސްޓެންޝަންގެ އެއްބައި، މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް އެކްސްޓެންޑް ކުރުމުގެ ވަރަށް ގިނަ މަސައްކަތްތައް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އެމްޑީ އަހުމަދު އާޒިމް ވިދާޅުވީ، ހޮނިހިރު ދުވަހު ހަވީރު 4:00 ގައި ފުރަތަމަ ޓެސްޓް އެމްއާރްގެ ހިދުމަތް ކުރިއަށް ގެންދާނެ ކަމަށާއި އެކަން ލައިވް ކުރެވިގެންދާނެ ކަމަށެވެ. އަދި އަދި އަންނަ މަހުގެ ތެރޭގައި މެމޯގްރާމް އަދި އޭގެ އަނެއް މަހު ސީޓީގެ ހިދުމަތްވެސް ދެވިގެންދާނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"އެކަމަށް ބޭނުންވާ ހުރިހާ ތަމްރީންތަކެއް މުއައްޒަފުން މިހާރު ވަނީ ހަދާ ނިންމާފަ، އާސަންދަ ހިދުމަތް ލިބިގެންދާނެ، މިއީ އަވަށްޓެރި ގައުމުތަކާއި ވާދަ ކުރެވޭ ވަރުގެ މެޝިނެއް، މިހާރުވެސް ރާއްޖޭގައި ހަށިގަނޑު ވަރަށްވުރެ ބޮޑު ފަރާތްތައް މިޖެހެނީ ރާއްޖެއިން ބޭރަށް ރިފާ ކުރަން، މި މެޝިނުން އެފަރާތްތަކަށްވެސް ހިދުމަތް ދެވޭނެ،" އާޒިމް ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އެމްއާރްއައިގެ ހިދުމަތް ފަށާފައިވާއިރު މީގެ ކުރިން ވަނީ ކަރުންމަތީގެ ބަލިތަކަށް ފަރުވާ ދިނުމާއި ކެންސަރަށް ފަރުވާދޭ ސެންޓަރެއްވެސް އެ ހޮސްޕިޓަލްގައި ގާއިމް ކޮށްފަ އެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަނީ އާސަންދަ ކުންފުނީގެ ފަރާތުންނެވެ.