ޑޮކްޓަރީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވި ގޮތުގައި އެކަމަކީ ރައްޔިތުންނާ ގުޅިފައި އޮތް މުހިއްމު ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމެކެވެ.
މިއުވާން ވިދާޅުވީ ރާއްޖޭގައި ބޭހުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކާ ކުރަންޖެހޭ މަޝްވަރާތަކެއް އެބަހުރި ކަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ފުޅާދާއިރާއެއްގައި ކުރިއަށްދާ ކަމަށެވެ.
"ބޭހުގެ އެންމެ ބޮޑު އަގު ކަނޑައެޅުމަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް. ރައްޔިތުންނާ މިހާބޮޑަށް ގުޅިފައިވާ ކަމެއް ސަރުކާރުން ވީހާވެސް އަވަހަށް ނިންމޭތޯ މަސައްކަތް ކުރަމުން ދަނީ" މިއުވާން ވިދާޅުވި އެވެ.
ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހެލްތު މިނިސްޓްރީން ނެރުނު ގަވާއިދު އިސްލާހުކޮށް، އަސާސީ ބޭސްތައް މިއަހަރުގެ މާޗް މަހުން ފެށިގެން ކޮންޓްރޯލް އަގުގައި ވިއްކަން ނިންމި އެވެ. އަސާސީ ބޭސްތައް ފިޔަވައި ދެން ހުރި ބާވަތުގެ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރާނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ކަމަށް ގަވާއިދުގައިވެ އެވެ. ނަމަވެސް މިހާތަނަށް ބޭހުގެ އަގު ކޮންޓްރޯލް ކޮށްފައެއް ނުވެ އެވެ.
ބޭހުގެ އަގު ބޮޑުވުމުގެ ސަބަބުން އާސަންދައިގެ ހަރަދުތައް އިތުރުވަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓްގައި އާސަންދަ ސްކީމަށް ކަނޑައަޅާފައިވަނީ 730 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 795 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާސަންދަ ސްކީމުން ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 658 މިލިއަން ރުފިޔާ އެވެ.