ހަބަރު

އަބުރުގެ ބިލާ ދެކޮޅަށް އަޑު އުފުލަން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާއި ދެކޮޅަށް އަޑު އުފުލަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

ބިލާއި ބެހޭގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާޏެއްގައި ވަނީ ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކާއި، ނޫސްވެރިންނާއި، އާއްމު ރައްޔިތުންނަށް އެ ބިލާއި ދެކޮޅަށް ނިކުންނަން ގޮވާލާފައެވެ.

އެ ބިލަކީ އެ އޮތްގޮތަށް ފާސްވެއްޖެނަމަ އިސްލާމް ދީނާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކުރާ ފަރާތްތަކަށް ކުށުން ރެކެން މަގުފަހިވާނެ ބިލެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ. އެ ބިލުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން މުޅިން ނިގުޅައިގަނެވޭކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ، ބިލުގެ ސަބަބުން އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ދަށަށް ދާނެ ކަމަށެވެ. އަދި އެއި ރާއްޖޭގައި ޅަފަތުގައި އޮތް ޑިމޮކްރަސީ ހަރުދަނާވިޔަ ނުދީ ފުނޑުފުނޑުކޮށްލާނެ ބިލެއް ކަމަށެވެ.

ޓްރާންސްޕޭރަންސީ އިން ބުނީ، އަބުރު ރައްކާތެރިކޮށްދިނުމުގެ ބިލު އެ އޮތްގޮތަށް ފާސްވެގެން ދިއުމަކީ ރާއްޖޭގެ ރައްޔިތުންގެ އަޑު ކަނޑުވާލުން ކަމަށް ވާއިރު އެއީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދެވަނަ ބާބުން ލިބިދޭ އެތައް ހައްގަކުން ރައްޔިތުން މަހުރޫމްކޮށްލާނެ ބިލެއް ކަމަށެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރާ މިންވަރު ނިސްބަތުން މަދު ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭއިރު، އެ ބިލުގެ ސަބަބުން ހައްގުތައް ހިމާޔަތްކުރުމާ ދެކޮޅަށް އިތުރު ހިތްވަރެއް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

"ބިލު ފާސްވެއްޖެ ނަމަ ވާހަކަދެއްކުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލޭނެ. ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ޖަވާބުދާރީކުރުވަންޖެހޭ ފަރާތްތަކާއި ސުވާލު ނުކުރެވޭނެ. އެފަދަ ސުވާލުތަކެއް ކޮށް، ހިޔާލު ފާޅުކުރުމަކީ ރައްޔިތުންނާއި ނޫސްވެރިންނަށް ގާނޫނީ ފިޔަވަޅު ފަސޭހަކަމާއެކު އަޅަން ބިލުން ފުރުސަތުދޭ،" ބަޔާނުގައި ބުންޏެވެ.

ހިޔާލުފާޅު ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން ބިލެއް ހުށަހަޅާފައިވަނީ 1.2 ބިލިޔަންގެ ކޮރަޕްޝަންގެ ތުހުމަތު ބައެއް ސިޔާސީ ވެރިންނަށް ވެސް ކުރެވިފައިވާ ދަނޑިވަޅެއްގައި ކަމަށް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެ އެވެ. އަދި އެ ބިލުގައި އަބުރާ ބެހުމުން ބައިލައްކަ ރުފިޔާއާއި ފަސް މިލިޔަން ރުފިޔާއާއި ހަމައަށް ޖުރިމާނާ ކުރެވޭ ކަމަށާއި، އެ ޖުރިމާނާ ނުދެއްކިއްޖެ ނަމަ އެއް އަހަރުގެ މުއްދަތަށް ޖަލަށްދާން ޖެހޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އަބުރުރައްކާތެރިކުރުމާ ބެހޭ ބިލާއި ދެކޮޅަށް ނިކުންނަން އެކި ފަރާތްތަކަށް ޓްރާންސްޕޭރެންސީން ގޮވާލާފައިވާއިރު، އެބިލާއިމެދު ރާއްޖޭގެ އިސް ބައެއް ނޫސްވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭގޮތަށް ބިލުގައި ހިމަނާފައިވާ ބައިތައް އުނިކުރަން ގޮވާލާފައެވެ.