ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރު ހައްޔަރުކޮށްފި

އެމެރިކާގެ ރިޔާސީ ރޭހުގައި ބައިވެރިވުމަށް ރިޕަބްލިކަން ޕާޓީން ވާދަކުރާ ބިލިއަނަރު ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރު ކޯރީ ލެވަންޑޮސް ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފްލޮރިޑާއިންނެވެ.

އޭނާ ހައްޔަރުކޮށްފައިވާ ނޫސްވެރިއަކަށް އަނިޔާކުރި މައްސަލައެއްގަ އެވެ. މިޝޭލް ފީލްޑްސް ކިޔާ ނޫސްވެރިޔަކު ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައި ބުނެފައިވަނީ، މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ޓްރަމްޕްގެ ކެމްޕެއިން އިވެންޓެއްގައި އެ ނޫސްވެރިޔާގެ އަތުގައި ވަރަށް ބާރަށް ހިފާ އަނިޔާކޮށްފައިވާ ކަމަށެވެ. ނޫސްވެރިޔާ ބުނާ ގޮތުގައި ކޯލީ އޭނާއަށް އަނިޔާކުރީ، ޓްރަމްޕް ވަށާލައި ނޫސްވެރިން ތިއްބާ، އޭނާ ސުވާލުކުރަން އުޅުމުންނެވެ.

"ކޯރީ ލެވަންޑޮސް ވަނީ މިޝޭލް ފީލްޑްސްގެ ކަނާއަތުގައި ވަރަށް ބާރަށް ހިފާފައި،" ފުލުހުން ކޯލީ ހައްޔަރުކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ނޫސްވެރިޔަކު ކުރާ ތުހުމަތުތަކެއްގެ ސަބަބުން ކޯލީ ހައްޔަރުކޮށްފައިވާއިރު ޓްރަމްޕް ވަނީ އޭނާގެ ކެމްޕެއިން މެނޭޖަރުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. ޓްރަމްޕް ވިދާޅުވީ، ކޯލީގެ ކުށެއް ނެތް ކަމަށެވެ.

"ކޯލީ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭނެ، އޭނާގެ ޝަރީއަތް ކުރިއަށްދާނެ ދުވަހަށް އިންތިޒާރުކުރަން،" ޓްރަމްޕް ވިދާޅުވި އެވެ.