ކުޅުދުއްފުށި

ބަދުއަހުލާގީ އަމަލު ހިންގުމަށް ދައުވަތުދީ، ފޭރިގެންފި

ބަދުއަހުލާގީ އަމަލު ހިނގުމަށް ދައުވަތުދީ، ގެއަށް ގެންގޮސް މީހެއްގެ އަތުން ފޭރިގަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ހދ. ކުޅުދުއްފުށީގަ އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ، އެފަދަ މައްސަލައެއް މިދިޔަ ފެބުރުއަރީ މަހު ފަހުކޮޅު ފުލުހުންނަށް ހުށަހެޅުނު ކަމަށާއި އެކަން މިހާރު ބަލަމުންދާ ކަމަށެވެ. މި މައްސަލާގައި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ 26 އަހަރުގެ ދެ މީހުންނެވެ.

އެ ދެ މީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އަންހެން މީހާގެ ބަންދަށް ވަނީ 15 ދުަވސް ޖަހާފަ އެވެ. އަދި ފިރިހެން މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ. ފިރިހެން މީހާ ފުލުހުންގެ ބަންދުގައި ހުރިއިރު އަންހެން މީހާ ހުރީ، ގޭބަންދުގަ އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ، ކުޅުދުއްފުށީ ކައިރި ރަށެއްގެ މީހަކު އެރަށް ގޮސް ހުއްޓާ، ޖިންސީ ގުޅުން ހިނގުމަށް އެމީހާއަށް ދައުވަތު ދިނުމަށްފަހު ގެއަށް ގެންގޮސް ބުލެކްމެއިލް ކުރުމުންނެވެ. ސާޅީސް އަހަރުގެ ފިރިހެން މީހާ ބްލެކްމެއިލް ކޮށްފައިވަނީ އެމީހާގެ އަންނައުނު ބޭލުމަށްފަހު ފައިސާ ދިނުމުން ނޫނީ އަންނައުނުތައް ނުދޭނެ ކަމަށް ބުނެ އެވެ. އެމީހާ ވަނީ އަތުގައި ހުރި ހުރިހާ ފައިސާއެއް ދީފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް މިފަދަ މައްސަލަތަކުގެ ރިކޯޑު އޮންނަ ދެމީހުންނެވެ.