ހަބަރު

"ގާސިމަކީ އަބްދުﷲ ރިޔާޒުގެ އަޅެއް"

Jan 30, 2015
2

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކޮންޓްރޯލް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކިނިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކާނިވަލުގައި ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ގާސިމަށް ފާޑުވިދާޅުވެ ނިހާން ވަނީީ ވާހަކަފުޅު ދައްކަވާފައެވެ. ޕާލަމެންޓްގެ މެޖޯރިޓީ ލީޑަރު ވިދާޅުވީ އޭނާ ގާސިމަށް އިހުތިރާމް ކުރައްވާ ކަމަށާއި ހަމައެއާއެކު ގާސިމްގެ ކަންކަން ހުންނަ ގޮތް އެންމެނަށް އެނގޭ ކަމަށެވެ. ގާސިމަކީ ބަޔަކު ގޮސް "ބިރު ދައްކާލާއިރަށް އެނބުރިގެންދާ" ބޭފުޅެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"މިހާރު އެމަނިކުފާނަކީ [މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު] އަބްދުﷲ ރިޔާޒް ކިޔާ މީހެއްގެ އަޅެއް. އޭނާ [ރިޔާޒް] ކޮންމެސް ގޮތަކުން ގާސިމް ކޮންޓްރޯލްކޮށްގެން ގެންގުޅެނީ ޕަޕެޓެއްހެން މިހާރު،" ނިހާން ވިދާޅުވި އެވެ.

ނިހާން އެ ތުހުމަތުތައް ކުރެއްވިއިރު މަގާމުން ދުރުކުރި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާ ގުޅި ވަޑައިގެން ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުތަކެއް ރިޔާޒްގެ މައްޗަށް ވެސް ސަރުކާރުން ކުރެއެވެ. އަދި ނާޒިމާ ގަތް ރަހުމަތްތެރި ކަމެއް އޮންނަ ކުރީގެ ކޮމިޝަނާ ރިޔާޒަކީ ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުވެސް މެއެވެ.   

ނިހާން ވިދާޅުވީ ރާއްޖެ ހަލާކުކޮށް ފަސާދަ ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެކަން ގާސިމަށް އެނގި ވަޑައިގަންނަވާ އިރު އެމަނިކުފާނާއި ޕާޓީ ގޮސް ނަޝީދުގެ "ތޮއްވަރި" އަށް އެރިފައިވާ ކަމަށެވެ. ގާސިމަށް އެންމެ ރީތި ލަވަށް ބަދަލު ކުރަން ޖެހެނީ އެހެންވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

-- ގާސިމަށް އެންމެ ރީތީ ހިންދީ ލަވައަކީ ތެރި ޕިޔާރީ ޕިޔާރީ ކަމަށް ވެއެވެ. އަދި އެމަނިކުފާނު އެލަވަ މާނަ ކުރައްވަނީ ގައުމުގެ ދެކެވާ ލޯބީގެ ގޮތުގައި ކަމަށް ވެސް ވެއެވެ. --

ގާސިމަށް ފާޑު ވިދާޅުވަމުން ނިހާން ވިދާޅުވީ ޕީޕީއެމާއި ޖޭޕީގެ ގުޅުމުގެ ތެރެއިން ގާސިމް ވަޑައިގެންނެވުމުން ގާސިމް ދޭންޖެހުނީ ކިތަށް ފަޅު ރަށާއި ކިތައް ރިސޯޓްތޯ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގާތުގައި އެއްސެވުން ރަނގަޅުވާނެ ކަމަށެވެ. އަދި "މިއުޅެނީ ރައީސް ޔާމީނާއި ބައެއް މީހުންގެ އަމިއްލަ އެދުން ބޮޑުވެގެން" ކަމަށް ގާސިމް އިއްޔެ ވިދާޅުވި އިރު ރައީސް ޔާމީނާއި ރައީސް މައުމޫން އެއްކުރެއްވި ރިސޯޓެއް ނެތް ކަމަށެވެ.

"[އެކަމަކު] އަޅުގަނޑުމެންގެ ބިލަކަށް ސަރުކާރާ އެއްކޮޅަށް ވޯޓެއް ދެއްވުމަށްފަހު އަނެއް ދުވަހު އެބަޖެހޭ [ގާސިމަށް] ފަޅު ރަށެއް ދޭން ރިސޯޓެއް ދޭން. އެކަމެއް ދެނެއް ނުހިނގާނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީން ފަހަތަށް ޖެހި ވަޑައި ނުގަންނަވާނެ ކަމަށައި ގައުމަށްޓަކައި ނިންމަންޖެހޭ ކޮންމެ ނިންމެވުމެއް ވެސް ނިންމަވާނެ ކަމަށެވެ. އަދި ޖޭޕީ އާއި ޕީޕީއެމްގެ ގުޅުމަށް ނިސްބަތްކޮށް ވިދާޅުވީ ގުޅިގެން އައި ގުޅުމުގެތެރެއިން އެކަކު ރުއްސަން އެއް ފަޅު ރަށް އަނެކަކު ރުއްސން އަނެއް ފަޅުރަށް އަނެކަކަށް އަނެއް ރިސޯޓް އަނެކަކަށް އަނެއް ލޯނު ދިނުން ނިމުނީ ކަމަށާއި ރައީސް މިހާރު ގެންދަވާ ގޮތަށް ޒުވާނުން ނަންގަވައިގެން އެންމެނަށް ރިސޯޓް ބައި އެޅޭ ގޮތަށް ގެންދަވާނެ ކަމަށެވެ.

"ގާސިމަށް ރީތި ޕީޔާރީ ޕިޔާރީ މި އަންނަ ގޮތަކީ އެމަނިކުފާނަށް ރިސޯޓެއް ވެއްޖިއްޔާ އެއީ ޕިޔާރީ ޕިޔާރީ! ފަޅެއް އޯކޭ ވެއްޖިއްޔާ އެއީ ޕިޔާރީ ޕިޔާރީ! އެހެންވެއްޖިއްޔާ ޔާމީން ވެސް އަދީބު ވެސް ވަރަށް ރަނގަޅު އެހެނެއް ނޫން މިކަން ވާންޖެހޭނީ،"