ހަބަރު

ސައުދީ އާއި ދިވެހި ކުންފުނިތައް ގުޅުވައިދޭ ވިޔަފާރީގެ ނިޒާމާބެހޭ ބައްދަލުވުން ފަށައިފި

ދިވެހި ވިޔަފާރި ކުންފުނިތަކާއި ސައުދި އަރަބިއްޔާ އާއި ގުޅުވާލަދޭ ވިޔަފާރީގެ ނިޒާމަކާއި ބެހޭ ބައްދަލުވުމެއް ސައުދީގެ ބިޒްނެސް ޑެލިގޭޝަން އާއެކު މިއަދު ފަށައިފި އެވެ.

"ބީޓޫބީ ނެޓްވޯކިން" ނިޒާމާބެހޭ މި ބައްދަލުވުން މިއަދު މެންދުރު 12:00 އިން އިން ހަވީރު 5:00 ޖެހުމާއި ހަމައަށް ކުރިއަށް ގެންދާއިރު މި ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސައުދީގެ ޑެޕިއުޓީ މިނިސްޓާ ފޯ ފޮރިން ޓްރޭޑް އަހްމަދު އަލް ގަބާނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން ސައުދީ އާއި ރާއްޖެ އާއި ދެމެދު މިހާރު އޮތް ގުޅުން އަނެއްކާ ވެސް ވަރުގަދަވެ އިތުރު ހަރުފަތަކަށް އަރައިގެން ހިނގައްޖެ ކަމަށެވެ. އަދި މިއީ މީގެ ކުރިން އެހެން އެއްވެސް ގައުމަކުން ރާއްޖެއާއެކު ކުރިއަށް ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ނިޒާމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ތެރެއިން މިހާރު ރާއްޖެއަށް ލިބިފައި މިއޮތް ކުރިއެރުމަކީ ވެސް އެތައް ހުރަސްތަކާއި ގޮންޖެހުންތަކެއްގެ ތެރޭން ލިބިފައިވާ ކުރިއެރުމެއްކަން ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި ފަތުރުވެރިކަން މިދަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމެންޓުގެ އަގު ހަ ބިލިއަން ޑޮލަަރަށްވުރެ މަތިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސައުދީ އާ ރާއްޖެ ގުޅިގެން މަސައްކަތް ކޮށްފިއްޔާ އަދިވެސް އިތުރު ކަންކަން ހާސިލް ކުރެވޭނެ ކަމަށެވެ.