ހަބަރު

އިސްތިއުނާފު މުއްދަތު ހަނި ކުރުމުން އެމްޑީޕީ ކަންބޮޑުވެއްޖެ

Jan 30, 2015

އިސްތިއުނާފުކުރުމުގެ މުއްދަތު ސްޕްރީމް ކޯޓުން ހަނި ކުރުމުން އެމްޑީޕީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޢަމަލުކުރާ ބައެއް ޤާނޫނުތަކަށް ސްޕްރީމް ކޯޓުން ބަދަލުގެނެސް، ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ވަންނަމުންދާތީ، އެމްޑީޕީން ކަންބޮޑުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި ޓްރައިބިޔުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް އިސްތިއުނާފްކުރުމަށް ކޯޓުތަކުގެ ގާނޫނުން ކަށަވަރުކޮށްދީފައިވާ 90 ދުވަހުގެ މުއްދަތާއި 180 ދުވަހުގެ މުއްދަތާއި، ވަޒީފާއާބެހޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ 60 ދުވަހުގެ މުއްދަތު ސްޕްރީމް ކޯޓުން ބަދަލުކޮށް، އެ މުއްދަތުތައް 10 ދުވަހަށް ހަނިކޮށްފައިވާ ކަމަށައި ސްޕްރީމް ކޯޓުން ޤާނޫނުގެ މާއްދާތައް ބާތިލުކޮށް އަމިއްލައަށް ބަދަލުތައް ގެނެސް ނިންމައިލިއިރު، ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށް އޮތް މުއްދަތަކީ މިހާރު ކޮބައިކަމެއް ނޭނގޭ ކަމަށެވެ.

"ޤާނޫނު އަސާސީއާ ތައާރަޒު ނުވާ އެއްވެސް ޤާނޫނެއް ނުވަތަ އެއިން ބައެއް ސްޕްރީމް ކޯޓުން ބާތިލުކުރުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބިދީފައި ނުވާއިރު، ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާއާއި 42 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ސުޕްރީމް ކޯޓުން އަމިއްލައަށް ބާތިލުކޮށް، ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތުތަކެއް ބަދަލުކޮށް، ސްޕްރީމް ކޯޓުން އަމިއްލައަށް މުއްދަތެއް ކަނޑައަޅައި، 3 ބާރު ވަކިވެފައި އޮންނަންޖެހޭ ނިޒާމެއްގައި ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެފައިވާކަން ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.