ހަބަރު

މާލޭގެ ބޮޑު ބަޔަކުން ފެން ކެނޑި، އެތައް ބަޔަކު ފެނަށް ޖެހިފައި

  • ފެންކެނޑުނީ ތިން ވަނަ ފްލޯއިން މަައްޗަށް
  • މައްސަލަ ދިމާވީ، އިއްޔެ ކަރަންޓް ކެނޑުނު ވަގުތު
  • ހައްލު ވާނެ ވަގުތެއް ނޭނގެ

މާލޭގެ ގިނަ ސަރަހައްދު ތަކުން ފެނުގެ ހިދުމަތް މެދު ކެނޑިއްޖެ އެވެ. މިއަދު ހެނދުނުން ފެށިގެން ފެނުގެ ހިދުމަތް ކެނޑިފައިވާނީ ގަލޮޅާއި އަދި ހެންވޭރުގެ އިތުރުން މާފަންނުގެ ވެސް ބައެއް ހިސާބުތަކަށެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު "އަވަސް" އަށް ވިދާޅުވީ އިއްޔެ ކަރަންޓު ދިޔުމުގެ ސަބަބުން ޕަވާ ޑިސްޓްރިބިއުޝަންތަކާއި ބޯހޯލްތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި މި ދަނޑިވަޅުގައި ތިން ވަނަ ފްލޯއިން އިން މައްޗައް ޕްރެޝަރުގައި ފެން ނުލިބޭނެ ކަމަށެވެ.

"މި ދަނޑިވަޅުގައި ވީހާވެސް މަދުން ފެން ބޭނުން ކުރުމަށް އެމްޑަބްލިއުއެސްސީ ފަރާތުން އެދެން. މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް އިއްޔެ ފެށިގެން ކުރަމުން މިދަނީ. މިހާރު ވަރަށް ބޮޑުތަން ހައްލުވެފައި ވަނީ،" ފަޒުލް ވިދާޅުވި އެވެ. މައްސަލަ ހައްލުވާނެ ވަގުތެއް އޭނާ ވިދާޅެއް ނުވެ އެވެ.

ހަފްތާ ބަންދަށް ފަހު މިއަދަކީ އޮފީސްތައް ހުޅުވުނު ދުވަސް ކަމަށް ވުމުން ފެން ނުލިބުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. އެގޮތުން އޮފީސްތަކަށް ދިޔުމަށާއި ސްކޫލްތަކަށް ކުދިން ގެންދިޔުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަަރައިފަ އެވެ. އަދި ހެނދުނުގެ ނާސްތާ ތައްޔާރު ކުރުން ވެސް ބައެއް ގޭގޭގައި އެކީ ވަނީ ހުއްޓިފަ އެވެ. އެކަމާ ހުރެ އެތައް ބައެއްގެ ރުޅިވެރިކަން ވަނީ ބޮޑުވެފަ އެވެ. އެ މީހުން ބުނަނީ އެމްޑަބްލިއެސްސީ އިން ފެނުގެ މައްސަލައާ ގުޅޭ ގޮތުން އެކަށީގެންވާ މައުލޫމާތެއް ވެސް ނުދޭ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ވާނޭ ވަގުތެއް ނޭނގެތީ ވެސް މީހުން ތިބީ ކަންބޮޑުވެފަ އެވެ.

ފެނުގެ ހިދުމަތް މެދުކެނޑިފައިވާ އިރު ދާދި ފަހުން އެމްޑަބްލިއުއެސްސީ އިން ބުނެފައި ވަނީ އެކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އާރޯ ޕެނަލް ތަކާއި ޕަވާ ޕެނަލްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ދާތީ ދެތިން ދުވަހަކަށް ފެން ޕްރެޝަރުގައި ނުލިބިދާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދު މި އުޅެނީ އެ މައްސަލަ ދިމާވެގެނެއް ނޫންކަމަށް އެމްޑަބްލިއެސްސީ އިން ބުނެ އެވެ.

އެކަމާ ގުޅިގެން މިނަރަލް ވޯޓާއަށް އޮންނަ ޑިމާންޑް ބޮޑުވާނެތީ، އެކި ސަރަހައްދުތަކުން މާލޭގެ ފިހާރަތަކަށް ފެން ފޯރުކޮށް ދިނުމަށް ސިފައިން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ.