ހަބަރު

މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

Jan 31, 2015

ހުޅުމާލޭ ކައިރީގައި އޮތް ސަފާރީއަކުން މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ރޭ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި މަރުވެފައިވަނީ 22 އަހަރުގެ ލިތުއޭނިއާގެ ފިރިހެނެއް ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.

މީގެ ކުރިން މިދިޔަ އަހަރު ވެސް ރާއްޖޭގައި މޫދަށް އެރި އުޅެނިކޮށް ބައެއް ފަތުރުވެރިން މަރުވެފައިވެ އެވެ. އެކަމާ ގުޅިގެން ރާއްޖޭގައި މޫދަށް އެރި އުޅުމުގައި ސަމާލުވާން ބައެއް ގައުމުތަކުން އެ ގައުމުގެ ފަތުރުވެރިންނަށް އިލްތިމާސްކޮށްފައިވެ އެވެ.