ހަބަރު

ރިލްވާނާއި "ހަވީރު"ގެ މައްސަލާގައި ނޫސްވެރިން އިހުތިޖާޖުކުރަނީ

ހަވީރު ނޫސް ހުއްޓާލުމާ ގުޅިގެންނާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ ނޫސްވެރިންގެ ހައްގަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ، ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރަން ފަށައިފި އެވެ.

ހަވީރު ނޫހާއި މިނިވަން ނޫހުގެ ނޫސްވެރިން އިސްނަގައިގެން ފެށި މި އިހުތިޖާޖުގައި ރާއްޖެ ޓީވީ، ސަންގް ޓީވީ އަދި ވީޓީވީގެ ނޫސްވެރިން ވެސް ބައިވެރިވެ އެވެ. މި އިހުތިޖާޖަކީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގެއްލެމުންދާ ހައްގުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުރަމުންދާ އިހުތިޖާޖެކެވެ.

ހަވީރު ނޫސްގެ ހިއްސާދާރުންގެ މެދުގައި ޖެހިފައިވާ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ވަނީ "ހަވީރު"ގެ ޗެއާމަން ޑރ. ޒާހިރު ހުސައިނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރާ ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުއާގޭ އިބްރާހިމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތި ހަވީރު ނޫސް ނެރުމާއި އޮންލައިން ހިންގުން މަނާކޮށްފަ އެވެ. ހަވީރު ނޫސް ހުއްޓާލުމަށް އަމުރުގައި ނެތް ނަމަވެސް އެ ނޫސް މިހާރު ވަނީ ހުއްޓާލާފަ އެވެ. އަދި ނޫހުގެ ނޫސްވެރިން މިހާރު ތިބީ ގޭގަ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ 604 ދުވަސްވެފައިވާއިރު، ފުރަތަމަ ފަހަރަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދިން މައުލޫމާތުތަކުން ނޫސްވެރިން ވަނީ ހިންހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަދުކުރެވޭ ސުއޭދު ރާއްޖެއިން ފުރާފައިވުމާއި ރިލްވާން އެރުވި ކަމަށް ބުނާ ކާރުގެ ވެރިމީހާ އާލިފު ރައޫފް ހައްޔަރުކޮށްފައިނުވުމަކީ ނޫސްވެރިން ކަންބޮޑުވާ މައްސަލައެކެވެ.

މި ދެ މައްސަލައިގެ އިތުރުން، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް" އަކީ ވެސް ނޫސްވެރިން ކަންބޮޑުވާ މައްސަލައެކެވެ.

އެ ބިލުގައިވާ ގޮތުގައި ސާބިތު ނުހިފޭ ވާހަކައެއް ލިޔެ ޝާއިއުކޮށްފި ނަމަ، އެކަން ކުރި މީހަކު އެންމެ ބޮޑުވެގެން ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އަދި އެފަދަ މީޑިއާއެއްގެ މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ތަހުގީގު ކުރެވެ އެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއް އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ވަނީ ބިލްގައި ހުށަހަޅައިފަ އެވެ.