ނޫސްވެރިން

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 13 ދަރަޖަ ފަހަތަށް

May 3, 2023
2

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަ ކުރާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާންމުކުރާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ލިސްޓްގައި 180 ގައުމު ހިމެނެ އެވެ.

ރާއްޖެ މިދިޔަ އަހަރު މިލިސްޓްގައި އޮތީ 87 ވަނައިގަ އެވެ. މިއަހަރު ރާއްޖެ އޮތީ 100 ވަނައިގަ އެވެ.

ފާއިތުވި އަހަރުތަކުގެ ނަންބަރުތަކަށް ބަލާއިރު 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ. މިލިސްޓްގެ 98 ވަނަ 2019 ވަނަ އަހަރު ރާއްޖެއަށް ލިބުނުއިރު 2020 ވަނަ އަހަރު ރާއްޖެ އޮތީ މިލިސްޓުގެ 79 ވަނައިގަ އެވެ. އަދި 2021 ވަނަ އަހަރު 72 ވަނައަށް މައްޗަށް ޖެހިލިއިރު މިދިޔަ އަހަރު 15 ދަރަޖަ ދަށަށް ވެއްޓި ރާއްޖެއަށް ލިބުނީ ލިސްޓުން 87 ވަނަ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އާންމުކޮށްފައިވާ ރިޕޯޓްގައި ހެއްކާ ބެހޭ ގާނޫނު މަޖިލީހުން ފާސްކުރިއިރު ނޫސްވެރިންނަށް ލިޔާ ހަބަރުގެ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ގާނޫނު އޮތުމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްތައް ކޮށްފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެެވެ.

މިރިޕޯޓްގައި ވަނީ ރާއްޖޭގެ ނޫސްތަކަށް އިޝްތިހާރު ދިނުމުގައި އަމަލުކުރާ ގޮތަށް ފާޑުކިޔާފަ އެވެ. އެގޮތުން އިޝްތިހާރު ދިނުމުގައި ހާމަކަމެއް ނެތް ކަން ފާހަގަކޮށްފައިވެ އެވެ. އަދި ނޫސްތަކަށް ފާރަވެރިވާނެ ގޮތެއް ނެތި މިނިވަންކަމަށް ގޮންޖެހުންތަކެއް ހުރި ފާހަގަކޮށްފައިވެ އެވެ.

ނޫސްވެރިންނަށް ފުރައްސާރަ ކުރުމުގެ މައްސަލަތަކާއި ނޫސްވެރިންނަށް ދޭ ހަމަލާތަކުގައި އެކަށީގެންވާ ގޮތަކަށް ފިޔަވަޅު އެޅެމުން ނުދާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ ތިންވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.