ހަބަރު

ލަންކާގެ އުއްތަމަ ފަނޑިޔާރަކަށް ތަމަޅައިންގެ ބޭފުޅަކު އައްޔަން ކުރައްވައިފި

ސްރީލަންކާގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ތަމަޅައިންގެ ބޭފުޅަކު އިއްޔެ އައްޔަން ކުރައްވައިފި އެވެ.

ތަމަޅައިންގެ ބޭފުޅެއް ކަމަށް ކަނަގަސަޕަބަތީ ސްރިޕަވަން އެ މަގާމަށް އައްޔަންކުރީ ސިންގަޅައަށް ނިސްބަތްވާ ރައީސް މައިތުރިޕަލާ ސިރިސޭނާ އެވެ. ސްރިޕަވަނަކީ 1991 ވަނަ އަހަރުގެ ފަހުން ސްރީލަންކާގެ އެހާ އިސް މަގާމަށް އައްޔަންކުރި ތަމަޅައިގެންގެ ފުރަތަމަ ބޭފުޅާ އެވެ.

މިމަހުގެ ކުރީކޮޅު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގަތް ސިރިސޭނާ ދަނީ ތަމަޅައިންނާ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ތަމަޅަ ޓައިގަރުންނާއި ލަންކާގެ އަސްކަރިއްޔާއާ ދެމެދު 25 އަހަރަށް ދިގު ދެމިގެންދިޔަ ދާޚިލީ ހަނގުރާމާ 2009 ގައި ނިމުނުއިރު ތަޅައިގެންގެ ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ލަންކާގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސްރިޕަވަން އައްޔަންކުރީ އެ މަގާމަށް މިދިޔަ ބުދަ ދުވަހު އައްޔަންކުރި ޝިރާނީ ބަންޑާރަނައިކަ އެ މަގާމުން އަމިއްލަ ރިޓަޔާވުމުންނެވެ. ޝިރާނީއަކީ ކުރީގެ ރައީސް ރާޕަޕަކްސަގެ ވެރިކަމުގައި ލަންކާގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ބޭފުޅެކެވެ.

ނަމަވެސް މަގާމުގެ ނުފޫޒާއި ކޮރަޕްޝަންގެ ތުހުމަތުކޮށް ރާޖަޕަކްސަގެ ސަރުކާރުން ވަނީ 2012 ގައި ޝިރާނީ އެ މަގާމުން ވަނިކޮށްފަ އެވެ. އަދި ރާޖަޕަކްސަގެ ގާނޫނީ މުޝީރަކަށް ހުންނެވި މޯހަން ޕިރީސް އެ މަގާމަށް އައްޔަންކޮށްފައި ވަނިކޮށް ސިރިސޭނާ ވަނީ ވެރިކަމަށް ވަޑައިގެން އެ މަގާމުން މޯހަން ވަކިކޮށް، ޝިރާނީ އަލުން އެ މަގާމަށް އައްޔަންކޮށްފަ އެވެ. އެކަމަކު މަސްލަހަތަށް ވިސްނުމަށް ފަހު ޝިރާނީ ވަނީ އޭނާ އެ މަގާމަށް އައްޔަންކުރި ދުވަހު ނޫން އަނެއް ދުވަހު އަމިއްލައަށް ރިޓަޔާވެ ވަޑައިގެންފަ އެވެ.