ހަބަރު

މިރޭ ނުވައަކާއި 11 އާދެމެދު ޕްރެޝަރުގައި ފެން ދޫކުރަނީ

މާލޭގެ ބޮޑު ސަރަހައްދަކުން ފެން ކަނޑައިގެން ދިޔަ މައްސަލަ މުޅިން ހައްލު ނުވާ ކަމަށާއި ނަމަވެސް މިރޭ ނުވައަކާއި 11 އާ ދެމެދު ޕްރެޝަރުގައި ފެން ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ އިން މިހެން ބުނި އިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ކުރިން ވިދާޅުވެފައި ވަނީ އިރުއޮއްސުމުގެ ކުރިން މައްސަލަ ހައްލުވާނެ ކަމަށެވެ. ނަމަވެސް މިރޭ "އަވަސް"އާ ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ފެނުގެ މައްސަލަ މުޅިން ހައްލު ނުވާ ކަމަށެވެ.

"މައްސަލަ މުޅިން ހައްލެއް ނުވޭ ނަމަވެސް މިރޭ ނުވައަކާއި 11 އާ ދެމެދު ޕްރެޝަރުގައި ފެން ދޫކުރަން ފަށާނަން. އަދި ވީހާވެސް އަވަހަށް މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ފަޒުލް ވިދާޅުވި އެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 7:00 އިރުއްސުރެ މާލޭ ގިނަ ސަރަހައްދުތަކަށް ޕްރެޝަރުގައި ފެން ނާދެއެވެ. އޭގެ ސަބަބުން ތިން ވަނަ ފްލޯއިން މަތީގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ފެން ކެނޑިފަ އެވެ. އަދި ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިވެފަ އެވެ. ފެން ނުލިބުމުން ފިހާރަތަކުން ވެސް ވަނީ މިނަރަލް ވޯޓަ ވިއްކުން ކޮންޓްރޯލްކޮށްފަ އެވެ.