ލ. ގަމުގައި ފޮނަދޫން ގަމަށް ހަދާ ބޮޑު މަގު، ލާމް ލިންކްގެ މަސައްކަތް އަންނަ އޮގަސްޓު މަހަށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ މަގު ހެދުމުގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުން މިހާރު ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ލ. އަތޮޅުގެ 15 ކިލޯމީޓަރުގެ ދިގު މަގުގެ މަސައްކަތް ވެސް މިއަހަރަށް ނިމި އެމަގު އޮގަސްޓު މަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.
ވެރިރަށް ފޮނަދޫ އާއި އެއާޕޯޓް ހިމެނޭ ކައްދޫ އާއި ސިނާއީ ރަށް، މާންދޫ އާއި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަމާއި ގުޅިފައިވާ 15.1 ކިލޯ މީޓަރުގެ ދިގު މަގުގެ މަސައްކަތުގައި މަގުގެ ވެލިގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމަށްފަހު ދެ ފަރާތު ޕޭމަންޓްގެ މަސައްކަތް ނިމި މިހާރު ތާރު އަޅަނީ އެވެ. މަގުގެ އެއްފަޅީގައި އެއްކޮށް މިހާރު އެއްކޮށް ތާރަ އަޅައި ނިމިފައިވާއިރު، އެ މަގުގެ ދެފަރާތުގައި ކާނު ހެދުމާއި އެހެންވެސް މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
"ލ. އަތޮޅުގައި ހަދާ 15 ކިލޯމީޓަރުގެ މަގު މިއަހަރުގެ އޮގަސްޓު މަހަށް ނިންމައި ހުޅުވައިލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 171.7 މިލިޔަން ރުފިޔާގެ މަގުގެ މަސައްކަތް ފެށީ ޑިސެމްބަރު 15، 2014 އިގައެވެ. އެއްބަސްވުމުގައި ސޮއި ކުރީ އެ އަހަރުގެ ނޮވެމްބަރުގަ އެވެ.
މި މަގުގެ ޑިޒައިން ކޮށްފައި ވަނީ މާލެ އާއި ހުޅުލެއާ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ވެސް ޑިޒައިން ކުރި ސީސީސީ ހައިވޭ އިންނެވެ.
މި މަގު ހަދަނ ވަރަށް ގިނަ ދިރާސާ އާއި ސާވޭކޮށް މަގުގައި ދެކޮޅަށްދުއްވާ ބައިގެ މެދުން ބެރިއާސްލައި މެދުގައި ލައިޓާއި ގަސް ޖަހައިގެން ވަރަށް ފުޅާކޮށެވެ. އަދި އެކްސިޑެންޓްތައް ނުހިނގާނެ ގޮތަށް ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެނެވެ.
މީގެ އިތުރުންވެސް ހދ. ކުޅުދުއްފުށީގައި ހަދާ މަގުތައް ވެސް ޝެޑިއުލް އާއި އެއްގޮތަށް، އަންނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.