މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މާލެ އާއި ހުޅުމާލެ ބަނދަރުން ރޭގަނޑު 12:00 ގެ ފަހުން، ދޭ ހިދުމަތްތަކުން 30 ޕަސެންޓްގެ ޗާޖެއް ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައިވާ ގޮތުގައި ރޭގަނޑު 11:30 އިން ހެނދުނު 8:00 އަށް އެ ބަނދަރުތަކުން ދޭ ހިދުމަތްތަކުން، ޗާޖް ނަގާނީ މާދަމާ އިން ފެށިގެންނެވެ. އެކަމަކު އެ ޗާޖް ނަގަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ކުންފުނިން ބުނެފައެއް ނުވެ އެވެ.
އެމްޕީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ފީއަކީ މީގެ ކުރިން ވެސް ނަގަމުން އައި ފީއެއް ކަމަށެވެ. އަދި މިހާރު އެކަން އުސޫލަކަށް ހަމަޖައްސައި އާންމުކޮށް އިއުލާން ކުރީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ފީގެ ސަބަބުން މުދަލުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތަށް ފީއެއް ނަގަން ޖެހެނީ، ދަންވަރުގެ ވަގުތުތަކުގައި ސްޓާފުން ނެރެގެން މަސައްކަތްތައް ކުރަން ޖެހޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް ފީއެއް ދައްކައިގެން އަޅުގަނޑުމެން ދަންވަރު ހިދުމަތްދެމުން އަންނަނީ. އަޅުގަނޑުމެން އެކަން އުސޫލަކަށް ފައްތައި ރަސްމީ ކުރީ. މިއީ އަކީ އެކަމުން މުދާ ގެންނަ ފަރާތްތަކަށް އަސަރެއް ކުރާނެ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
އެމްޕީއެލް އިން 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ނިންމާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އޭގެ ކުރިން އެމްޕީއެލް އިން ހިދުމަތްތައް ދެމުން އައީ ހެނދުނު 7:30 އިން ރޭގަނޑު 11:00 އަށެވެ.