ހަބަރު

އިމްރާނާއި ތޮލްހަތު ގޭބަންދަށް ބަދަލު ކުރަނީ

Apr 4, 2016

ހާއްސަ ގައިދީން ބޭތިއްބުމަށް އައްސޭރި ޖަލުގައި ހުރި އިމާރާތްތައް މަރާމާތު ކުރުމުގެ ގޮތުން އެ ޔުނިޓްގައި ތިއްބެވި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ގޭ ބަންދަށް ބަދަލު ކުރަން ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފި އެވެ.

މީހަކު ހުށަހެޅު ޝަކުވާއަކާ ގުޅިގެން ހޯމް މިނިސްްޓަރު އުމަރު ނަސީރުގެ އެންގެވުމަކަށް އައްސޭރި ޖަލުގައި ހުރި ހާއްސަ ގައިދީން ބަހައްޓާ ޔުނިޓްތައް ވަނީ އިންސްޕެކްޓްކޮށްފަ އެވެ. އެހެން ނަމަވެސް އެ ތަންތަން ވަރަށް ބޮޑަށް ބާވެ ހާލަތު ދައްވެފައިވާތީ އެ ތަންތަން މަރާމާތު ކުރުމަށް ޕްރިޒަންސް އިން ވަނީ މިނިސްޓަރަށް ލަފާ ދެއްވައިފަ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އައްސޭރި ޖަލުގެ ހާއްސަ ޔުނިޓްގައި މިވަގުތު ތިބި އިމްރާން އާއި ތޮލްހަތު ގޭ ބަންދަށް ބަދަލު ކުރަނީ އެ ތަންތަން މަރާމާތުކޮށް ނިމެންދެން ކަމަށެވެ. ނަމަވެސް އެ މީހުން އަދި ގެއަށް ބަދަލު ކުރާނެ ތާރީހެއް ނޭނގެ އެވެ. އަދި މަރާމާތެއް ހިނގާނެ ދުވަހެއް ވެސް ސާފުވާގޮތެއް ނުވެ އެވެ. މިނިސްޓަރު ވިދާޅުވީ އެ ޔުނިޓް ވަގުތުން ވަގުތަށް ބަންދުކޮށް އެ ތަންތަން މަރާމާތު ކުރަން ކަރެކްޝަނަލް ސާވިސަސް އަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

މީގެ ކުރިން އެ ޔުނިޓްގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ވެސް ތިއްބެވި އެވެ. އެހެން ނަމަވެސް އެދެ ބޭފުޅުން ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުންގެ ބޭސްފަރުވާ ކުރުކުރެއްވުމަށް ފަހު ރާއްޖެ އަންނަން އަންގާފައިވެ އެވެ.