ހަބަރު

ބާރުގެ ބޭނުންކޮށްގެން ނޫނީ މަންދު ކޮލެޖަކުން ނުނެރެވޭނެ: އިބްރާ

Jan 31, 2015
2

މަންދު ކޮލެޖް ހިންގުމަށް ދޫކޮށްފައިވާ އިމާރާތް ހުސްކުރާނީ އެ އިމާރާތް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ހިލާފަށް އަދި ގާނޫނީ އިމުގެ ބޭރުން، ސަރުކާރުން ބާރުގެ ބޭނުންކޮށްފި ހިނދެއްގައި ކަމަށް އެ ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އެމްއީއެސްގެ އިމާރާތުގައި ހިންގާ މަންދު ކޮލެޖުން އެތަން ހުސްކުރުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާތީ އެކަމާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިބްރާ ވިދާޅުވީ މަންދު ކޮލެޖު ހިންގަނީ އެމްއީއެސްގެ މަސްއޫލްވެރިން ކަމަށްވާ އަލީ މުސްތަފާ އާއި ސީނާ އަހްމަދު ޒާހިރަށް ސަރުކާރުން ދޫކޮށްފައިވާ އިމާރާތެއްގައި އެތަނުގެ މަސްއޫލްވެރިންނާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި ވިދާޅުވީ މަންދު ކޮލެޖްގެ އެެއްވެސް ދަރިވަރަކު މަގުމަތި ވިޔަ ނުދެއްވާނެ ކަމަށާއި ކޮންމެވެސް ގޮތަކުން ކޮލެޖް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އިބްރާ ވިދާޅުވީ އިމާރާތުން ނިކުންނަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންވެ "އެހެން ތަނެއް ހޯދަން މަސައްކަތް ވެސް ނުކުރަން" ކަމަށެވެ. އޭނާ ވިދާޅުވީ ނޯޓިސް ދިނީ ކުއްލި ގޮތަކަށް ކަމަށާއި މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާ ނުކުރާ ކަމަށެވެ. ނަމަވެސް މަންދު ކޮލެޖް އޮތީ މަޝްވަރާ އަށް ތައްޔާރަށް ކަމަށެވެ.

"ނަމަވެސް ނޯޓިސް ދިން ފަހުން އެބަ އޮތް، އެއްބަސްވުމުގެ ބޭރުން އެހެން ގޮތެއް ހޯދުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ ސިޓީއެއް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ އެއްބަސްވުމެއްގެ ދަށުން ކުރިިއަށް ދަނިކޮށް އޭގެ ބޭރުން ގޮތެއް ހޯދަން މަޝްވަރާ ކުރުމަށް ގާނޫނީ ވަކީލުން ގަބޫލު ނުވާ ކަމަށެވެ. އަދި މައްސަލަ ކުރިމަތިވުމާ އެކު މިކަން ގާނޫނީ ވަކީލުންނާ ހަވާލުކޮށްފައި ވާތީ ދެން ކުރިއަށް ދެވޭނީ ވަކީލުން ވިދާޅުވާ ގޮތަކަށް ކަމަށް އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ ހަަތަރު ސަރުކާރެއް މަންދު ކޮލެން ހިންގަން ފެށި ފަހުން އައިސްފި ކަމަށާއި ކޮންމެ ސަރުކާރެއްގައި ވެސް ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އިބްރާ ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލްކުރަން އެޑިއުކޭޝަނުން ނިންމި ސަބަބުތަކުގެ ތެރޭގައި 2008 ވަނަ އަހަރުން ފެށިގެން ސްކޫލެއް ނުހިންގުމާއި އެންމެ ފުރަތަމަ އިމާރާތް ކުއްޔަށް ދިން ގޮތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ފެންނާތީ އެއްބަސްވުން ބާތިލްކޮށް އަލުން ބިޑަށް ލައިގެން ތަން ހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ލަފާ ދީފައިވުން ހިމެނެ އެވެ. ނަމަވެސް 2009 ވަނަ އަހަރާ ހަމަޔަށް ސްކޫލް ހިންގި ކަމަށާއި 2010 އިން 2013 އަށް ހިންގީ އެޑިއުކޭޝަންގެ އެދުމަށް އަރަބިއްޔާ ސްކޫލްގެ ކްލާސްތައް ކަމަށެވެ. އަދި 2013 އިން ފެށިގެން، ސްކޫލް ހިންގުމަށް ހުއްދަ އަށް އެދިފައި ވިޔަސް އެ ހުއްދަ ދީފައި ނުވާތީ މިދިޔަ އަހަރާއި މި އަހަރު ސްކޫލް ހިންގަން ނުފެށި ވަނީ ކަމަށް އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އިމާރާތް ދީފައި ވަނީ އެމްއީއެސްގެ މަސްއޫލުވެރިންނަށް ކަމަށާއި މަންދު ކޮލެޖަށް ނޫން ކަމަށް ވާތީ އޭސީސީން ފެންމަތިކުރާ މައްސަލާގައި ބުނާނެ އެއްޗެއް މަންދު ކޮލެޖަކަށް ނޭނގެ އެވެ.

މަންދު ކޮލެޖް ހިންގުމަށް އެއްބަސްވުން ހަދާފައި ވަނީ 2008 ވަނަ އަހަރު 10 އަހަރު ދުވަހުގެ މުއްދަތަށެވެ. މިހާތަނަށް އެ ކޮލެޖުން 5067 ދަރިވަރަކު ކިޔަވާފައި ވާއިރު މިހާރުވެސް 1372 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށް ކޮލެޖުން ބުންޏެވެ. އަދި އެ ކޮލެޖްގައި 130 މުވައްޒަފުން އެބަތިއްބެވެ.