ހަބަރު

އެމްޑަބްލިއުއެސްސީއިން ހުޅުމާލޭގައި އިއާދަކުރަނިވި ހަކަތަ އުފައްދަނީ

ހަކަތައަށް ކުރާ ހަރަދު ކުޑަކުރަން އެމްޑަބްލިއުއެސްސީން އެ ކުންފުނީގެ ހުޅުމާލެ ސައިޓުގައި ޕީވީ (ސޯލާ ޕަވާ) ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ އެމްވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ހަތަރު މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި މިއަހަރު އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން އިތުރު ދެ މެގަވޮޓުގެ ކަރަންޓު އުފައްދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 381.87 ކިލޯ ވޮޓުގެ ސޯލާ ޕީވީ ސިންސްޓަމް ވަނީ ހުޅުމާލޭގައި ހުންނަ އެމްޑަބްލިޔުއެސްސީގެ ފުޅި ބަންދުކުރާ ކާރުހާނާގެ ފުރާޅުގައި ހަރުކޮށްފަ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެކުންފުނީގެ ކޮންމެ އިމާރާތެއްގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސަންޓު ކަރަންޓަކީ އިޔާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަކީ އަމާޒު ކަމަށެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން އިޔާދަކުރުވަނިވި ހަކަތަ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ބޭނުންކުރަމުން އަންނަ ކަމަށާއި ހުރިހާ ސެންޓަރެއްގައި ޖުމްލަ 202 ކިލޯވޯޓުގެ ސޯލާ ގާއިމްކޮށްފައިވާ ކަމަށެވެ.

"އެމްޑަބްލިއުއެސްސީގެ ގުޅީފަޅުގައި ތަފާތު އެކި ރޫފްތައް އެބަހުރި. ޕްރޮޑަކްޝަން ފެސިލިޓީސްތައް އެބަހުރި. ކުރިއަށް އޮތްތާނގައި ހުރިހާ މެނުފެކްޗަރިން ޕްރޮސެސް އެއް އަދި ހުޅުމާލޭގެވެސް ހުރިހާ މެނުފެކްޗަރިން ޕްރޮސެސް އެއް ދާނީ މިދެންނެވި ގުޅީ ފަޅަށް. އެތަނުގެ އަޅުގަނޑުމެންގެ ކޮންމެ އިމާރާތެއްގެ މަތީގައި ކުރުމުއްދަތެއްގައި އަދި ދިގު މުއްދަތެއްގައި ކުރަން ރާވާފައި ހުރި ކަންތައް ކުރަމުން ގެންދާނަން." ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެކުންފުނިން ރިސޯޓުތަކަށް ޔުޓިލީޒް ފެސިލިޓީސް ފޯރުކޮށް ދެނީ ރިސޯޓު ދާއިރާއަށް ވަންނަން ނޫން ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ބޭރުގެ ކްރައިޓީރިއާތައް ބީޓު ކުރެވޭނެ ކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.

އިއާދަކުރަނިވި ހަކަތައިގެ މިންވަރު ބޭނުންކުރާ މިންވަރު ރާއްޖޭގައި އިތުރު ކުރުމަށް މިއަދު އެމްޑަބްލިޔުއެސްސީން މި ފެށީ ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.