ހަބަރު

ޓެރަރިޒަމްގެ ދައުވާއަށް ގާޒީ ނިހާން އިންކާރުކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރި މާމިގިލީ ކޯޓުގެ އިސް ގާޒީ ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާއަށް އޭނާ އިންކާރުކުރައްވައިފި އެވެ.

ގާޒީ ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނު ގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރު އަދި ފަސްވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރާއި، ހަވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

މިއަދު ބޭއްވި ނިހާންގެ މައްސަލާގެ އަޑުއެހުމުގައި ނިހާން ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާއަށް އިންކާރުކުރާ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ނިހާންގެ މައްޗަށް އުފުލާފައިވާ އިތުރު ތިން ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އެއީ އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އަށެވެ.

މިއަދުގެ އަޑުއެހުމުގައި ނިހާންގެ ގާނޫނީ ވަކީލް ހުސްނުސުއޫދު ވިދާޅުވީ، ދައުވާއަށް ޖަވާބުދެވޭނީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ލިބުނީމަ ކަމަށެވެ. މިހާތަނަށް ލިބިފައިވަނީ ނިހާން، ފުލުހުންނަށް ދިން ތަހުގީގީ ބަޔާން އެކަނި ކަމަށް ސުއޫދު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުލަތުން ހުށަހަޅަނީ ސިއްރު ހެކި ކަމަށާއި އެހެންކަމުންހެކި ހުށަހަޅަން ބޭނުންވަނީ ލިޔުމުން ކަމަށެވެ. ޝަރީއަތުން އެ ފުރުސަތު ދައުލަތަށް ދީފައިވާއިރު، ލިޔެކިޔުންތައް ލިބުމުން އެ ތަކެތި ދިފާއީ ވަކީލުންނަށް ހިއްސާކުރައްވާނެ ޝަރީއަތުން ވިދާޅުވި އެވެ.