ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ކުރީގެ މެންބަރު ނާޒިމްގެ މައްސަލަތައް އަނބުރާ ގެނެސްފިން: ޕީޖީ އޮފީސް

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެނެސްފި އެވެ. ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ ނާޒިމް އަންނަނީ 25 އަހަރު ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުންނެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ހިޝާމް މިއަދު ވިދާޅުވީ، ނާޒިމް މިހާރު ވެސް ދިގު މުއްދަތުގެ ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުން އަންނާތީ، އޭނާއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަ އިތުރު، ތިން މައްސަލައެއް އަނބުރާ ގެނައުމަށް މިދިޔަ އަހަރު ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެދުނު ކަމަށެވެ. އަނބުރާ ގެނައީ އެ މައްސަލަތައް އިތުރަށް ދިރާސާ ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ. އެ މައްސަލަތަކުގައި ވަކި ގޮތެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ހުރީ ބޭސްފަރުވާއަކަށް ސިންގަޕޫރުގަ އެވެ. އަދި ބޭސްފަރުވާގެ މުއްދަތު ނިންމަވާ ރާއްޖެ އައުމަށް އޭނާ އަށް މިހާރު ވަނީ އަންގައިފަ އެވެ.

ނާޒިމްގެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް 2008 ވަނަ އަހަރުގެ ނެރެފައިވާ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޯޑިޓް ރިޕޯޓާއި ގުޅިގެން 15،000 ދިވެހި ދިދަ ހެދުމަށް އެމިނިސްޓްރީން ކޮށްފައިވާ ތަފާތު ދެ އިއުލާނަކާއި ގުޅިގެން ދިދަ ފޯރު ކޮށްދީ ނަންގަވާފައިވާ ފައިސާ އާއި ބަނދަރު ބައްތިތަކެއް ހޯދުމަށް ކުރި އިއުލާނަކާއި ގުޅިގެން ނަންގަވައިފައިވާ ފައިސާ އާއި އަތޮޅުތަކުގެ މިސްކިތް ތަކަށް ސައުންޑް ހޯދުމަށް ކޮށްފައިވާ އިއުލާނަކާއި ގުޅިގެން މަކަރާއި ހީލަތް ހައްދަވައިގެން ފައިސާ ތަކެއް ނެންގެވި ކަމަށް ބުނާ މައްސަލަ ސާބިތުވުމުންނެވެ.