ހަބަރު

ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް ގާޒީ އިން ހަމަޖައްސައިފި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓްގެ ހުސްވެފައިވާ ގާޒީ އިންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި އެވެ.

އާރިފްގެ އިތުރުން ސިވިލް ކޯޓަށް ދެ ފަނޑިޔާރަކާއި އަދި ކްރިމިނަލް ކޯޓަށް ވެސް އިތުރު ފަނޑިޔާރުން ހަމަޖައްސަން ޖޭއެސްސީ އިން މިއަދުގެ ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ.

މި ދެ ކޯޓްގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުންގެ ތެރެއިން އިންޓަވިއު ކުރުމަށް ފަހު ކްރިމިނަލް ކޯޓަށް ހަމަޖެއްސީ، ސިޔާސީ ވަރަށް ގިނަ މީހުންގެ މައްސަލަތަކުގައި ޕީޖީގެ ފަރާތުން ދައުލަތުގެ ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރައްވާފައިވާ އާދަމް އާރިފްގެ އިތުރުން ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކަށް ހަމަޖެއްސީ، އެ ކޯޓްގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި، ދަފްތަރު ނަންބަރު 3087 ޢަލީ އާދަމް އެވެ. ސިވިލް ކޯޓަށް ހަމަޖެއްސީ ފުވައްމުލަކު ކޯޓުގެ ގާޒީ، ދަފްތަރު ނަންބަރު 2560، އާދަމް އިބްރާހީމް އިސްމާއިލް އަދި ހިތަދޫ ކޯޓްގެ ގާޒީ އަކަށް ހުންނެވި، ސ.ފޭދޫ ބެލޫން މަރްޔަމް ވަހީދެވެ.

އާރިފް ވަނީ ރައީސް ނަޝީދުގެ މައްސަލަ އާއި ކުރީގެ ޑިފެންސް މިިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލައިގައި ވެސް ޕީޖީގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވައިފަ އެވެ.