ހަބަރު

ކޮމަންވެލްތްގެ އާ އެސްޖީއާ ބައްދަލުކުރަން އާޒިމާ ޔޫކޭއަށް

Apr 7, 2016

ކޮމަންވެލްތްގެކޮމަންވެލްތްގެ އާ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑާ ބައްދަލު ކުރެއްވުމަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި، އާޒިމާ ބަންޑާރަ ނައިބުކަން ކުރެއްވި އިރު ބޭރުގެ ޕްރެޝަރުތަކާ ގުޅިގެން ސްކޮޓްލެންޑްގެ ގާނޫނީ ލަފާ އާޒިމާ ވަނީ ހޯއްދަވައިފަ އެވެ. އަދި މީގެ އިތުރަށް އދ ގެ ވޯކިން ގްރޫޕަށް ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ރާއްޖެއަށް ލަފާ ދިން އިނގިރޭސި ލޯފާމް، އޮމްނިއާ ސްޓްރެޓެޖީގެ އެޑްވައިޒަރީ ކައުންސިލްގައި ވެސް އެކަމަނާ އިންނަވަ އެވެ.

ކޮމަންވެލްތްގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި އެކަމަނާ މަގާމާ ހަވާލުވެ ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހު، ކޮމަންވެލްތް ހެޑްކުއާޓާޒްގައި ބޭއްވި ކުލަ ގަދަ ހަފްލާއެއްގަ އެވެ.

އެންމެ ފަހުން ކޮމަންވެލްތްގެ، ސީމެގް އިން ރާއްޖެއަށް ހުށަހެޅި ކަންތައްތަކާ ގުޅިގެން، ރާއްޖެ އިން އަންނަނީ އެ ކޮމިޓީގައި ހިމެނޭ މެންބަރު ގައުމުތަކާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ރައީސްގެ މަންދޫބެއްގެ ގޮތުން، އާޒިމާ ވަނީ ޕާކިސްތާނަށް ދަތުރުފުޅެއް މިފަހުން ކުރައްވައިފަ އެވެ. މީގެ އިތުރަށް ރައީސްގެ މަންދޫބެއްގެ ގޮތުން، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވަނީ، ސޮލްމަން އައިލެންޑްސް އަށް ވަޑައިގެން އެގައުމުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައިފަ އެވެ. އަދި މި މަހުގެ ތެރޭގައި އިންޑިއާއަށް ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.