ހަބަރު

ނަޝީދާއި ގާސިމަށް ބައިވެރިނުވެވޭ އިންތިޚާބެއް ރާއްޖޭގައި ނުބޭއްވޭނެ: އަލީ ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބައިވެރިނުވެވޭ އިންތިޚާބެއް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށާއި އިސްތިއުފާ ދެއްވާފައިވާ ރައީސުންނަށް އަލުން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހެދުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ގާސިމާއި ނަޝީދަށް ވާދަ ނުކުރެވޭ އިންތިޚާބެއް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ މީހަކަށް ވެސް އިންތިޚާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހަށް ގެނެސްގެން ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނަށް މުޅި އުމުރުގައި ވެރިކަމުގައި ދެމި ހުންނެވޭނެ ގޮތް ހެދުމަށް ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަށް ފައިދާވާ ފަދަ އިސްލާހެއް ގެންނަންޏާ އެކަމަށް ވޯޓު ދޭނެ އެމްޑީޕީ އަދި ޖޭޕީ ވެސް. އެކަމަކު ކޮބައިތޯ ލިބޭ ފައިދާއަކީ 65 އަހަރުގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ އިސްލާހު ފާސް ކުރުމުން. ކުރީގެ އިސްތިއުފާ ދެއްވި ރައީސުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށް ރާއްޖެއަށް ވާ ފައިދާއަކީ ކޮބައިތޯ. މި އުޅެނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާއެއް ކުރާކަށް ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ދަނީ މިނިވަން މުއައްސަސާތަކަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވަމުންނެވެ. އަދި މިހާރު ރާއްޖެ އޮތީ "ފަސް ވަގުންގެ" މުށު ތެރޭގައި ކަމަށާއި މި ސަރުކާރަކީ ގޭންގް ސަރުކާރެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ.

އަލީ ވަހީދު ވިދާޅުވީ މިހާރުގެ ސަރުކާރަކީ އެންމެ 25 ޕަސެންޓްގެ ތާއީދާ އެކު އޮތް ސަރުކާރެއް ކަމަށާއި މި ސަރުކާރުގެ ނިމުން ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

"މިކަމާ ޗެލެންޖް ކުރައްވަންޏާ ތިޔަ ބޭފުޅުންގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ރާއްޖޭގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނިކަން ނަންގަވަ ބައްލަވާށޭ. ބޮޑު ތަފާތަކުން ލަދުވެތި ބައްޔަކު ތިބޭފުޅުންގެ ވެރިކަން ނިމިިގެންދާނެ." ސަރުކާރުގެ އިސް ބޭފުޅުންނަށް އަމާޒުކޮށް، އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ގާނޫނު އަސާސީގެ ހިމާޔަތުގައި ސިޔާސީ ހުރިހާ ލީޑަރުން ވެސް ނިކުތުމަށް އޭނާ ގޮވާލެއްވި އެވެ.