ޓެކްނޯލޮޖީ

އަންލޮކް ކުރެވުނީ އައިފޯން 5ސީގެ ފޯނުތަށް އެކަނި: އެފްބީއައި

އެފްބީއައިއަށް އަންލޮކް ކުރެވުނީ ހަމަ އެކަނި އެޕަލްގެ އައިފޯން 5ސީ ކަމަށް އެފްބީއައި އިން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޮމޭ ބުނެފައި ވަނީ އެފްބީއައި އިން އައިފޯން އަންލޮކް ކުރުމަށް ބޭނުން ކުރަމުން ގެންދާ ޓޫލްއަކީ އެފްބީއައި އިން އެހެން ބަޔެއްގެ އަތުން ގަނެފައިވާ ޓޫލްއެއް ކަމަށެވެ. މި ޓޫލް އެފްބީއައި އިން ގަނެފައިވަނީ އެޕަލް ކުންފުނިން އެފްބީއައި އަށް އައިފޯން އަންލޮކް ކުރުމަށް ޓޫލްއެށް ދިނުމަށް ދެކޮޅުހެދުމުންނެވެ.

ޖޭމްސް ވަނީ އެމީހުން މިހާރު ބޭނުން ކުރަމުންދާ ޓޫލް ހެދި ފަރާތަށް ވަރަށް ތައުރީފުވެސް ކޮށްފަ އެވެ. އޭނާ ބުނިގޮތުގައި އެމީހުން ވަނީ ޓޫލްތަށް އެޕަލް އިން ފުނޑާނުލެވޭނެ ހާވެސް ވަރަގަދައަށް ތައްޔާރުކޮށްފަ އެވެ.

މިހެންކަމުން އެފްބީއައި އިން ބޭނުން ކުރަމުން ގެންދާ ޓޫލްގެ ޒަރިއްޔާއިން އަންލޮކް ކޮށްލެވިގެން ދާނީ ހަމަ އެކަނި އައިފޯން 5ސީ އެވެ. މި ޓޫލް އަކުން އައިފޯން 5އެސް އަދި އައިފޯން 6 ސިރީޒްގެ ފޯނުތަށް އަންލޮކް ނުކުރެވޭނެވެ. ހަމަ އޭގެ އިތުރުން އަޕްލް އިން އެންމެ ފަހުން ބާޒާރަށް ނެރުން އައިފޯން އެސްއީއަށް މި ޓޫލް ސަޕޯޓެއް ނުކުރާނެ ކަމަށް ބެލެވެ އެވެ.

އެފްބީއައި އިން މިހެން ބުނެފައިވާއިރު ވޭތުވެދިޔަ ހަފްތާގައި އެމީހުންވަނީ އެމެރިކާގެ އެހެނިހެން ފުލުސް އިދާރާތަކުން ބަލަމުންދާ މައްސަލަތަކުގައި އަންލޮކް ކުރުމަށް ބޭނުންވާ ފޯނުތަށް އަންލޮކް ކޮށްދޭނެކަމަށް ވެސް ބުނެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ކެލެފޯނިޔާގެ ސްޓޭޓަކަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ޓެރަރިސްޓެއްގެ އައިފޯން އެފްބީއައިގެ އެދުމުގެ މަތިން ހުޅުވައި ނުދިނުމުން އެޕަލް އާއި އެފްބީއައިގެ ދެމެދު ވަނީ ވަރުގަދަ ކޯޅުންގަނޑެއް އުފެދިފަ އެވެ.