"އަތުވާނެ ބާއޭ ތޭރަވާ" މި ލަވަ އަކީ ގާތްގަނޑަކަށް ހުރިހައި ދިވެހިންނަށް އެނގޭ، އެންމެން ހިތުދަސް އަދި އެހާމެ ފަސޭހައިން ބޮލުތެރޭގައި ހަރުލާ ކަހަލަ ލަވައެކެވެ. އެކަމަކު މި ލަވައިގެ އަސްލު ނުވަތަ މި ލަވައެއް އުފެދިގެން އޭގެ ކަޑިތައް އެކަތި އަނެކައްޗާ ގުޅިގެން ގެތިގެން އައިގޮތް ތި އެންމެނަށް އެނގޭނެ ހެންނެއް ހީއެއް ނުވެ އެވެ.
އެކަމަކު މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ މެންޓާ، ތޭރަވާ މުހައްމަދު އަބްދުލްޣަނީގެ ހަގީގަތަކީ ކޮބައިކަން ދެނެގަތުމަށް ނުވަތަ އޭނާގެ މި އާދަޔާހިލާފު ވާހަކަ ފެށިގެން އަންނަނީ ކިހައި ހިސާބަކުންތޯ ބެލުމަށް ޝައުގުވެރިވާ ނަމަ އަހަރެމެންނަށް ޖެހޭނީ، "އަތުވާނެ ބާއޭ ތޭރަވާ"، އެ ލަވައެއްގެ ފުރަތަމަ ކަޑިން މި ވާހަކައެއް އަލުން ފަށާށެވެ.
އެހިސާބަށް ޖެހިލާއިރު، ތޭރަވާއަކަށް ބަދަލުނުވެ ހުރި މުހައްމަދު އަބްދުލްޣަނީ އަށް ވާނީ އޭރު ގާތްގަނޑަކަށް 13 އަހަރެވެ. ބޯމަތީގައި އޮތީ ލަވަ މުބާތާރާތެކެވެ. އަތުގައި އޮތީ އެ މުބާރާތެއްގައި ކިޔަން ޖެހޭ ލަވަކިޔަން އޮތް ހުސްގަނޑެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ އެ ދުވަހާ ހަމަ އަށް ވެސް އޭނާ އަކީ ލަވަ އާއި މިއުޒިކަށް އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ދެއްކި ކުއްޖެއް ނޫނެވެ. އެކަމަކު ނައިފަރު މަދުރަސަތުލް އިފްތިތާހުން ބޭއްވި އިންޓަ ސްކޫލް ލަވަ މުބާރާތެއްގެ ތެރެއަށް، ބޭބެއަކު އައިސް އޭނާ ކޮއްޕާލުމުން ލަދުން ފިލަން އޭނާ ބޭނުމެއް ނުވި އެވެ.
އެހިސާބުން އޭނާ ތެޅިގަނޑީ ކަންފަތްދޮށުގައި ބޭބެ ކިޔައިދިން ރާގަކަށް ލަވައެއް ހެދުމުގެ މަސައްކަތަށެވެ. ލަވަ މުބާރާތް ފެށެން ދެ ދުވަހަށް ވެފައި ވެސް އޮތުމާއެކުގަ އެވެ.
އެންމެ ފުރަތަމަ ވެސް ދުއްވައިގަނެވުނީ ބައްޕަ ގާތަށެވެ. ނިކަން ބިޒީ ޝެޑިއުލެއްގައި އުޅުއްވަމުން ބައްޕަ އަށް ހެދުނީ އެ ލަވައެއްގެ މައިގަނޑު އެކަންޏެވެ. ތިރީގައި މި އޮތީ އެ މައިގަނޑެވެ.
"ނޯށުން މިވީ ރޯށޭ"
"ދޫވީތީ ތާއޭ"
"އަތުވާނެބާއޭ ތޭރަވާ"
މިއީ މަޝްހޫރު "ތޭރަވާ" ލަވައިގެ ފެށުމެވެ.
"ދެން އެ ހިސާބަށް މައިގަނޑު ހަދާފައި ބައްޕަ ބުނެފި ދެނެއް ނުވާއެއޭ. މީތި ހިފައިގެން ދާށޭ،" މާ ކުރީގެ ހަނދާންތަކަކުން ކިޔައިދެމުން ތޭރަވާ ބުންޏެވެ.
"ދެން ބައްޕަ ހެދި އެތިކޮޅު ހިފައިގެން ދައްތަ ކައިރިއަށް. ދެން ދައްތަ ބުނެފި، ނޯށުން މިވީ ރޯށޭ އިނީމަ ވަރަށް ހަޑިއޭ އެ ތަންކޮޅު. އެ ހިސާބުން ދައްތަ އެ ތަންކޮޅު ބަދަލުކޮށްލީ ރޯށޭވީ ހިތާމައިން އަށް."
އެއަށް ފަހު ލަވައިގެ އިތުރު ކަޑިއެއް ހޯދުމަށް އޭނާ ދުއްވައިގަތީ ބޭބެ ކައިރިއަށެވެ.
"ހޭލާ މަ އިނދެ ރޭގަނޑާއި ދުވާލާ."
ދެން އަނެއްކާވެސް ހުއްޓުނީ އެވެ.
"ދެން މަންމަ ލިޔެލައިފި ކަޑިއެއް. އޭރު އަޅުގަނޑު އުޅެނީ އެކަމުގެ ތެރެއަށް ބޯކޮށްޕާލެވިފައި އޮތީމަ އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދަން. ލަދުގަންނާކަށް ބޭނުމެއް ނުވޭ. އެ ލަދުން ސަލާމަތްވާން ވެސް ލަވަކިޔަން ބޭނުންވެފައި ހުރީ،" ތޭރަވާ ކިޔައިދިނެވެ.
"ދެންވެސް ހަމަ އެއްކަޑި މަދުވަނީ. ދެން ހިތަށް އެރީ އެންމެފަހުން އަމިއްލަ އަށް ޓްރައިކޮށްލާނީއޭ."
"ގަސްތަކު ތެރޭގަ ފިލާ މަ އޮތީމޭ،" ތޭވަރާ ލިޔުނު ކަޑިއަކީ މިއީ އެވެ.
އެއަށް ފަހު މި ހުނަރުވެރިކަމަކާއިގެން ގަސްތަކުގެ ތެރޭގަ ފިލައެއް ހަމަހިލާ އޭނައަކަށް ނޯވެވުނެވެ. ޖެހިގެން އައި ދުވަހު އޮތް ލަވަ މުބާރާތުގައި މި ލަވައެއް ކިޔަވައި ވަގުތުން ސްޓާރަކަށް ބަދަލުވީ އެވެ.
މިއުޒިކް ލެޖެންޑުންގެ އުނގަށް!
މުހައްމަދު އަބްްދުލްޣަނީ ލަވަކިޔުންތެރިޔަކަށް ބަދަލުކޮށްލި "ތޭރަވާ" ލަވައިގެ ބެކްސްޓޯރީ ނޭނގުނަސް ފަންނާނުންގެ ކުލަ އީދުގައި އޭނާ މި ލަވައެއް ހުށަހަޅައިދިން ގޮތް އަދިވެސް ވަރަށް ގިނަ ބަޔަކު ހަނދާން ހުންނާނެ އެވެ. އެކަމަކު ދިވެހި ފުޓްބޯޅައިގެ ދަނޑުގައި ލެޖެންޑަކަށް ބަދަލުވި ކުޑަ މޫސައެއް އެގޮތުގައި ނުއުފެދުނު ނަމަ ފަހަރެއްގައި މި ތޭރަވާއެއް ވެސް އުދުއްސާލައިގެން އައިސް ދިވެހި ލަވައިގެ ސްޓޭޖަކަށް ތިރިނުކުރީހެވެ.
ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ފަންނާނުންގެ އެ ޝޯގައި ލަވަކިޔަން ލިބުނު ފުރުސަތަށް ތޭރަވާ އެއްބަސްވީ އެއްގޮތަކަށް ވެސް އޭރު އޭނާ އުރާލައިގެން އުޅުނު ބަޔަކީ އެފަދަ ދެ ވަނައެއް ނެތް ޒީރޯ ޑިގްރީއަކާ ހެދިއެއް ނޫނެވެ. ކުޑަ މޫސައާ އެކު ފޮޓޯގަނޑެއް ކަނޑާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ޒީރޯ ޑިގްރީގެ ގިޓަރިސްޓް އަދި ތޭރަވާގެ ޅިޔަނު، މޮހޮޖު ވައުދުވުމުންނެވެ.
"ޒީރޯ ޑިގްރީއާ އެކު ފަންނާނުންގެ ޝޯގައި ލަވަކިޔާކަށް ނޫން އެއްގޮތަކަށް ވެސް. ޒީރޯ ޑިގްރީއަކީ ކިހާ ވަރެއްގެ ބޭންޑެއްކަމެއް ވެސް އޭރަކު ނޭނގޭ. މިއުޒިކާއި ބޭންޑްތަކުގެ މައުލޫމާތެއް ވެސް އޭރަކު ނެތް. ކުޑަ މޫސައާ އެކު ފޮޓޯ ނެގޭނެއެ ބުނީމަ އެއީ ލިބުނު އެންމެ ބޮޑު އުފަލަކީ،" ފުޓްބޯޅަ އަށް މިހާރު ވެސް ނިކަން ފޯރި ހުންނަ ތޭރަވާ ކިޔައިދިނެވެ.
އޭނާ ބުނީ އެންމެފަހުން މޮހޮޖާ އެކު މާލެ އައިސް ފަންނާނުންގެ ޝޯގައި ލަވަކިޔަން ފުރުސަތު ލިބި އެތަނަށް އެއްވެފައި ތިބިހައި މީހުން ފެނި، މާލޭގެ އޭރުގެ މަޝްހޫރު ލަވަކިޔުންތެރިން ހަމަލޮލުން ފެނުން ވެގެން ދިޔައީ އޭނާގެ އެތެރެހަށީގައި ނިދާފައި އޮތް މިއުޒިކް ފުރޭތަ ހޭލައްވާލި ކަންކަމަށެވެ.
"މޮހޮޖުބެ މި ދެއްކި މަންޒަރު، ފަންނާނުންގެ މިއުޒިކީ އީދު، އެއީ ފުދޭވަރަކަށް މެންޓަލީ މުޅި މީހާގެ ވިސްނުން އެހެން ދިމާލަށް މަޑުމަޑުން އެނބުރެމުންދާކަން އިހްސާސްވި ވަގުތުކޮޅެއް. އެ ކްރައުޑާ، އެތަނުގައި ތިބިހާ ފަންނާނުންނާ، ވަރަށް ކައިރިން އެ އެންމެން ފެނި،" ތޭވަރާ ބުންޏެވެ.
"އިހްސާސްކުރެވުނީ މިއުޒިކޭ މިކިޔާ އެއްޗެއް ހަށިގަނޑު ތެރޭގައި ވެސް އެބަހުރިކަން. ދެން އޭތި ނުކުންނަން ފެށީ ބޭރަށް. އެހެން އެއްޗެހި ތަންކޮޅެއް އެތެރެއަށް ވައްދާފަ މީތި ނުކުތީ. އެ ޝޯ އަށް ފަހު އެނބުރި ރަށަށް އެނބުރި ދިޔައިރު ވެސް ބޮލުގައި ދިޔައީ ރާގުތަކެއް ކުޅެމުން."
ޒީރޯޑިގްރީގެ އެ އާދަޔާހިލާފު ތަޖުރިބާ އަށް ފަހު މިއުޒިކާއި ފުނިފޫހިފިލުވުމުގެ ދާއިރާއިން އިތުރު ފުންމިނަކަށް ގަންބާލި މީހަކީ މޭނާ ހައްސާނެވެ. އަނެއްކާވެސް އަނެއް ލެޖެންޑެވެ.
"މޭނާ ހައްސާނަކީ އެންމެ ފޫހިފިލުވައިދިން މީހާ. ގެއަށް ވަދެ އައްސަލާމްއަލައިކުންއޭ ގޮވާލާ ހިސާބުން ދެން މުޅިން ވެސް ރައިވަރުން އޭނާ ވާހަކަ ދައްކާނީ. އެއީ އެންމެ ފުރަތަމަ އެގޮތަށް އެންމެ ބޮޑު ޝައުގުވެރިމެއް ދަމައިގަތް މީހާއަކީ. ހިތަށް އެރީ މޭނާ ހައްސާނަކީ އަޖައިބެއް ކަހަލަ މީހެކޭ،" މޭނާ ހައްސާނުގެ ކިބައިން ހިތްވަރު ލިބިގަނެވުނު ގޮތް ކިޔައިދެމުން ތޭރަވާ ބުންޏެވެ.
ދެން ވެސް އޭނާއާ ބައްދަލުވީ ލެޖެންޑުންނާ އެވެ. ނުވަތަ ދިވެހި މިއުޒިކްގައި ލެޖެންޑުންނަށް ބަދަލުވުމުގެ ފަރިތަކުރުންތަކުގައި އުޅެމުން ދިޔަ "ފިއުޗާ ސްޓާރުން" ނާއެވެ.
"އެންމެފަހުން މާލެ ބަދަލުވެ ކިޔަވަން ވަނީ އަހުމަދިއްޔާ އަށް. އައިއިރު އެ ސްކޫލްގައި އެބައުޅޭ ވަރަށް މޮޅު ލަވަކިޔުންތެރިން. އެމީހުންނަށް ކިޔަނީ ހުސެއިން އަލީ އާއި މުމްތާޒު."
އެންމެ މޮޅު ލަވަކިޔުންތެރިޔާ!
ތޭރަވާ މި ވާހަކަ ގަބޫލެއް ނުކުރެ އެވެ. އަދި ރާއްޖެ ދުށް އެންމެ މަގްބޫލު ލަވަކިޔުންތެރިޔާ އަލީ ރަމީޒަކީ އެންމެ މޮޅު ދިވެހި ޕޮޕް ސްޓާރު ކަމަކަށް ވެސް އެއްބަހެއް ނުވި އެވެ.
ހަގީގަތަކީ ތޭރަވާ އަކީ ދުވަހަކު ވެސް އަލީ ރަމީޒުގެ މޮޅުކަން ފެނި އާޝޯހުވި މީހެއް ނޫންކަމެވެ. އޭނާ އެމްއީއެސްގައި އުޅުނުއިރު އެ ސްކޫލްގެ ބެޖުގައި އޭރު ލަވަކީ ބައެއް ކުދިންނަށް އިރުޝާދު ދޭން އަލީ ރަމީޒުދާ މަންޒަރު ވެސް ތޭރަވާ އަށް ނިކަން ގާތުން ފެނެ އެވެ. އެކަމަކު ސުޕަސްޓާރެއްގެ ދަރަޖައިގައި އަލީ ރަމީޒު ހުރިއިރު ވެސް ތޭރަވާ އޭނާއާ އެކު "ސެލްފީއެއް" ނަގާލާކަށް ވެސް ބޭނުމެއް ނުވި އެވެ.
ތޭރަވާ ބުނީ އެއްވެސް މީހަކީ އެންމެ މޮޅު މީހާ ނޫން ކަމަށެވެ.
"މީހުން އެހެން ބުނާތީ، އެ ބުނާ ބުނުމަށް އިހްތިރާމްކުރަން. އެކަމަކު އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރާ ވާހަކައެއް ނޫން. ގަބޫލެއް ވެސް ނުކުރަން، އެންމެ މޮޅު މީހާއޭ ކިޔާފައި ލޭބަލްކުރެވިދާނެ ކަމަކަށް ވެސް. ވާހަކަ އަކީ އަލީ ރަމީޒަކީ ވެސް އެންމެ މޮޅު މީހާއެއް ނޫން. ތޭރަވާ ވެސް މިއީ އެންމެ މޮޅު މީހާއެއް ނޫން. ކިޑީ އަކީ ވެސް އެންމެ މޮޅު މީހާއެއް ނޫން،" ތޭރަވާ ބުންޏެވެ.
"ކިޑީ އަކީ ވެސް މޮޅު މީހެއް. އަލީ ރަމީޒަކީ ވެސް މޮޅު މީހެއް. ތޭރަވާ ވެސް ވެދާނެ ބަޔަކަށް މޮޅު މީހަކަށް. ކޮންމެ މީހަކީ ވެސް އެމީހެއްގެ ފަންނުގައި ސްޓައިލްގައި މޮޅު މީހެއް. އެންމެ ޕޮޕިއުލާ މީހާއޭ ނުވަތަ އެންމެ މަޝްހޫރު މީހާއޭ ކިއިދާނެ. އެކަމަކު އެންމެ މޮޅު މީހާއޭކޭ ނުބުނެވޭނެ. އޭތި ގަބޫލެއް ނުކުރަން"
"މޮޅާ، މަޝްހޫރާ، އެއީ ތަފާތު ދެ އެއްޗެއް. އަލީ ރަމީޒު ވެދާނެ، ވެދާނެއެއް ވެސް ނޫން. އޭނާ އަކީ އެންމެ މަޝްހޫރު މީހާ މިގައުމުގަ. އެކަމަކު އެންމެ މޮޅު މީހާ ކަމަކަށް ގަބޫލެއް ނުކުރަން. އޭނަ އަށް ވުރެ މޮޅު މީހުން ވެސް އެބަތިބި."
ލައިފްގެ އެންމެ ބޮޑު ޗެލެންޖަކީ މޯލްޑިވިއަން އައިޑޮލް!
ވަކިން ހާއްސަކޮށް ކުދިންނަށް ލަވަ ދަސްކޮށްދީ ތަމްރީންކުރުމުގެ މަސައްކަތުގައި އެކަނިމާއެކަނި އުޅެން ޖެހުމުން ތޭރަވާ އުފުލަން ޖެހިފައިވާ ބުރަ ހަގީގަތުގައި ވެސް މޯލްޑިވިއަން އައިޑޮލްގެ އެހެން ހުރިހައި ބައިވެރިންނަށް ވުރެން ބޮޑެވެ. އައިޑޮލްގެ ހަގީގީ ބަތަލަކީ ތޭރަވާ ކަމަށް ގިނަ ބަަަޔަކު ބުނަނީ ވެސް މިހެންވެގެންނެވެ.
އައިޑޮލް ފެށުނުފަހުން އޭނާ އަދި ބްރޭކެއް ނުނަގަށެވެ.
"ޑޭއި ވަން އިން ފެށިގެން މޯލްޑިވިއަން އައިޑޮލްއާ އެކު މި އުޅެނީ. ފުރަތަމަ އޮޑިޝަންއެއް ހެދޭނީ ވެސް އަޅުގަނޑުގެ ކުރިމަތީގައި. (އެ ޕެނަލް އަށް ފަހު) ޖަޖުންނާ ހިސާބަށް އެދާ ކުދިންނަކީ އަޅުގަނޑު ޔޭސް ބުނެގެން ދާކުދިން،" ތޭރަވާ ކިޔައިދިނެވެ.
"އަޅުގަނޑަކީ ހަމައެކަނި މޯލްޑިވިއަން އައިޑޮލްގައި ހުރި، ފްރީ ވަގުތެއް ނެތި، ދުވަހެއް ނެތި، ޗުއްޓީއެއް ނެތި މަސައްކަތްކުރާ ހަމައެކަނި މީހާ. ގާތްގަނޑަކަށް ދުވާލެއްގެ މައްޗށް ނުވަ ގަޑި ނުވަތަ ދިހަ ގަޑިއިރު ހޭދަވޭ މިކަމުގައި. ހުކުރު ވެސް ހޮނިހިރު ވެސް. ތޭރަ ނޫނިއްޔާމު ނުހުންނާނެ ރެސްޓެއް ނުލިބޭ މީހަކު މޯލްޑިވިއަން އައިޑޮލްގައި."
އޭނާ ބުނީ ހުސް ވަގުތެއް ނެތި ނުވަތަ ބްރޭކެއް ނެތި އައިޑޮލްގައި މަސައްކަތްކުރަނީ ކުރާހިތުން ކަމަށާއި މިއީ ނިކަން ބޮޑު ގުރުބާނީއެއް ކަމަށެވެ.
"މިއީ ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުގެ ގައުމު. އަޅުގަނޑުގެ ގައުމުގައި ބާއްވާ މޯލްޑިވިއަން އައިޑޮލް. ވިސްނުނީ ޒިންމާދާރުވާން އެބަޖެހެއޭ ފަންނާނަކަށްވަންޏާމު. އެހެންވީމަ ވެވެން އޮތް ހުރިހާ ގުރުބާނީއެއްވާނަމޭ،" ތޭރަވާ ބުންޏެވެ.
"އެހެންވީމަ ވަރަށް ބޮޑު ގުރުބާނީއެއް މިއަދު މިވެވެނީ. ހަތަރު ފަސް މަސް، ފެމިލީ އަށް ރަނގަޅަށް ޓައިމް ވެސް ނުދެވި. އަނބިދަރިން ޝަކުވާކުރާއިރުގަ ވެސް ހަމަ މި ކުދިންކޮޅު ކައިރީގައި މި ހުންނަނީ. ނުހުންނާނެ ބަލިވެގެން ވެސް އެންމެ ދުވަހެއް ވެސް ނައިސް. ކޮންމެ ދުވަހަކީ ވެސް ފާހަގަކޮށްލަން ބޭނުންވާ ދުވަހެއް. މި ކުދިންނާ އެކީ ހޭދަކުރެވޭ ކޮންމެ ދުވަހަކީ ވެސް. މިއިން ކޮންމެ ކުއްޖަކު ވެސް އެހާ ސްޕެޝަލްއޭ. އެއްވެސް ކުއްޖަކަށް ތަފާތުކުރުމެއް ނުވަތަ ވަކި ކުއްޖަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނީންނާނެއޭ. ކަޓައިގެންދާ ކުއްޖާ އަކީ ވެސް ވަރަށް ހާއްސަކުއްޖެއް"
"އެހެންވީމަ މީގައި ދެރަހަ އެއްވަރަކަށް ލަމުން މި ދަނީ. އުފާވެސް ކުރަމުން އެހާ ދެރަވެސްވޭ. ބައެއް ފަހަރަށް މިއީ އުފަލުން ގޮސް ހިތްފުރިގެންދާ ކަހަލަ ޝޯއެއް. ހަމަ ޖެހިގެން އަންނަ ރެއަކީ އޭގެ އިދިކޮޅުރޭ. އެތާނގަ އިންނަން ވެސް އުނދަގޫވޭ. އަންނަ ހިތެއް ވެސް ނުވޭ އެލިމިނޭޝަން ޝޯ އަށް އަސްލު"
"މި ކުދިންނާ ދޭތެރޭގަ ހުރި ކުލުނަކީ (އަމިއްލަ ދަރިފުޅާ މެދު) ވެސް ހުރި ކުލުނު. އެހެން ބުނެވިދާނެ."
ތޭރަވާގެ މި ގުރުބާނީ އަށް ޔަގީނަށް ވެސް އެވޯޑް ހައްގެވެ. އައިޑޮލްގެ ސްޓޭޖުމަތިން ކޮންމެ ހަފުތާ ބަންދަކު އޭގެ ލަވަކިޔުންތެރިން ދައްކާ ހުނަރުވެރިކަން ޕޮލިޝްކޮށްދޭ މީހާ އަކީ މިއީ އެވެ. އަދި ފާހަގަކޮށްލަން ޖެހެނީ އޭނާ މިކަމެއް ކުރަނީ ވަރަށް ކުރާހިތުން ކަންވެސްމެ އެވެ.
"އަޅުގަނޑަކީ އަބަދުވެސް އެނގިފައި ހުރި އެއްޗެއް، އެނގޭ މިންވަރަކުން އެހެން ބަޔަކަށް ނުވަތަ ކުއްޖަކަށް ކިޔައިދިނުމުގައި ވަގުތު ހޭދަކުރަން ބޭނުންވާ މީހެއް. އެއްގޮތަކަށް ވެސް މާގިނަ އެއްޗެހިތަކެއް އެނގިގަނެގެނެ، އެ އެއްޗެހިތައް ފޮރުވައިގެން، މީހަކާ ހިއްސާނުކޮށް ހުރުމަކީ އަޅުގަނޑު ޕްރެކްޓިސްކުރި ގޮތެއް ނޫން،" ތޭރަވާ ބުންޏެވެ.