- ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް
- ހޮސްޕިޓަލްގައި 200 އެނދު ހުންނާނެ
- ޓްރީޓޮޕް ހޮސްޕިޓަލް މި އަހަރު ނިމޭނެ
މި ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު ފަރުވާ ލިބޭ އެއް ހޮސްޕިޓަލަށް ހުޅުމާލޭގައި ހަދާ ޓްރީޓޮޕް މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް ވެގެންދާނެ ކަމަށް ކްރައުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ސަލީމް ވިދާޅުވެއްޖެ އެވެ.
ކްރައުން ކޮމްޕެނީ އާއި ކާސާ ހޯލްޑިންސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންސްގެ ދަށުން ހިންގާ ޓްރީޓޮޕް އިންވެސްޓްމަންޓުން އިމާރާތްކުރާ ހޮސްޕިޓަލް މަޝްރޫއާ ބެހޭ ގޮތުން "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކްރައުން ކުންފުނީގެ އެމްޑީ އާދަމް ވިދާޅުވީ މި ހޮސްޕިޓަލް ހަދަނީ ރާއްޖެ އަށް މުޅިންއާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ކަމަށާއި، ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ހަދަނީ ވަރުގަދަ ދަގަނޑު އޮނިގަނޑުތަކެއް ބޭނުންކޮށްގެން ކަމަށެވެ.
"ސުވާލަކީ ކީއްވެގެންހޭ ދަގަނޑުން ހޮސްޕިޓަލް ހަދަނީ؟ އާއްމުކޮށް އިމާރާތްކުރާ ކޮންކްރީޓް ބޭނުންކޮށްގެން ހަދާނަމަ ތިން އަހަރުން ވެސް ހޮސްޕިޓަލުގެ މަސައްކަތް ނުނިމޭނެ. އެކަމަކު މިހާރު އޮނިގަނޑު އެނިމުނީ. މިހާރު ކުރިއަށް އެދަނީ ފާރުތަކާއި އެހެނިގެން ބައިތަކުގެ މަސައްކަތް،" ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނީގެ އެމްޑީ އާދަމް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ "ޓްރީޓޮޕް ހޮސްޕިޓަލް" ނިންމަން ކަނޑައަޅާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަދި ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
އާދަމް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ނިމޭއިރު "ސުޕަ ސްޕެޝަލިޓީ" ފަރުވާދޭނެ ދެ ބައެއް ހިމެނޭ ކަމަށެވެ.
"މުޅިން ނިމޭއިރު ދެ ސުޕަ ސުޕެޝަލިޓީ ބައި ހިމެނޭ. ވިސްނަން ޖެހޭނީ މިހާރު މިހަދަނީ ފުރަތަމަ ބައި. ފުރަތަމަ ބައިގައި ހިތުގެ ބަލިތަކާ ބެހޭ ފަރުވާ ލިބޭނެ. ރާއްޖޭގައި އެންމެ އާއްމު ދެ ބަލިކަމަށްވާ ކެންސަރާއި ހިތުގެ ބައްޔަށް ފަރުވާ ދެވޭނެ،" ޓްރީޓޮޕް އިންވެސްޓްމަންޓުގެ ޑިރެކްޓަރެއް ކަމަށްވާ، އާދަމް ވިދާޅުވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގައި 200 އެނދު ހުންނާނެ އެވެ. މި އިމާރާތުގައި ދެ ބްލޮކް ހުންނައިރު މި ތަނުން ސުޕަ ސްޕެޝަލިޓީގެ ހިދުމަތް ލިބޭނެ އެވެ.
އާދަމް ވިދާޅުވީ މި ހޮސްޕިޓަލް ހިންގަނީ މެލޭޝިޔާގެ ކުންފުންޏަކުން ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވިޔަފާރި ކުންފުންޏެއް. މި ކުންފުންޏަށް ހޮސްޕިޓަލް ހިންގާކަށް ނޭނގޭނެ. އެހެންވެ މެލޭޝިޔާ ކުންފުންޏަކުން މިތަން މެނޭޖުމަންޓް ކޮންޓްރެކްޓެއްގެ ދަށުން. އެކަމަކު އަޅުގަނޑު ބުނާނީ މިވާނެއޭ މިސަރައްދުގައި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް. މިއީ ސިންގަޕޫރު މެލޭޝިޔާ ފަދަ ތަންތަނުގައި ހުންނަ ފެންވަރު ހޮސްޕިޓަލް އަކަށް،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓްރީޓޮޕްގެ މަގުސަދަކީ ދިވެހި ރައްޔިތުންނަށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.
"މަގުސަދަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށް ދިނުން. އެއީ އެންމެ ފުރަތަމަ މަގުސަދު. ދެވަނަ މަގުސަދަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ދިނުން. ޓޫރިސްޓުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ނުދީއެއް ޓޫރިޒަމް ކުރިއަކަށް ނުގެންދެވޭނެ. ޓޫރިސްޓުން ވެސް ބޭނުންވަނީ ރަނގަޅު ހެލްތް ސާވިސްއެއް،" މެޑިކަލް ޓޫރިޒަމް ފުޅާކުރަން ވިސްނަވަންތޯ ދެންނެވުމުން އާދަމް ވިދާޅުވި އެވެ.
ޓްރީީޓޮޕް ހޮސްޕިޓަލުން މިހާރު ވަނީ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ބައެއް މަގާމުތަކަށް މީހުން ހޯދަން އިއުލާނުކޮށްފަ އެވެ.
އާދަމް ވިދާޅުވީ މި ހޮސްޕިޓަލްގެ ސަބަބުން ވަޒީފާގެ ފުރުސަތު ތަކެއް އިތުރުވެގެންދާނެ ކަމަށެވެ.
"މިހާ އަވަހަށް މީހުން ހޯދަނީ ކުރިއާލާ ތައްޔާރުވަން. ރަނގަޅަށް ރާވައިގެން މިކަން ނުކޮށްފިނަމަ ވާނީ ޑިޒާސްޓާ އަކަށް. އެހެންވެ ރަނގަޅު ޑޮކްޓަރުން ހުޅުވަން ވާއިރަށް މި ހޯދަނީ. އޭރުން ރަނގަޅު ސާވިސް ތަކެއް ދެވޭނެ،" އާދަމް ވިދާޅުވި އެވެ.