ވިޔަފާރި

ގެސްޓް ހައުސް މާކެޓަށް ރަނގަޅު ޓްރާސްޕޯޓް ނިޒާމެއް ބޭނުންވޭ: ކްރައުން އެމްޑީ

  • ގިނަ މާކެޓަށް ބަލަން ޖެހޭ
  • ގެސްޓް ހައުސް މާކެޓު ރަނގަޅު
  • ރާއްޖޭގައި 200 އަށްވުރެ ގިނަ ގެސްޓް ހައުސް

ރާއްޖޭގެ ގެސްޓް ހައުސް މާކެޓު ފުޅާވަމުންދާއިރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ބޭނުންވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ކަމަށްވާ ކްރައުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ސަލީމް ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅުއެއް ރިސޯޓުކަމަށްވާ ކޮންރެޑް މޯލްޑިވްސް ހިންގާ، ކުންފުނީގެ އެމްޑީ އާދަމް ވިދާޅުވީ ގެސްޓް ހައުސް މާކެޓަކީ ވެސް ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓެއް ކަމަށާއި، ނަމަވެސް މުޅި ރާއްޖެއަށް ގެސްޓް ހައުސް ފުޅާވެގެންދާއިރު، ރަނގަޅު ޓްރާސްޕޯޓް ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި މިހާރު ގެސްޓް ހައުސް ހުރޭ. ވަރަށް މަދު ރަށެއްގައި ނުހުންނަނީ. މިސާލަކަށް މަހިބަދޫ މަގުން ދާ ފެރީ އަކުން ގެސްޓުން ގެންދިއުން. މިއީ ވަރަށް ދަތިކަމެއް. ގެސްޓް ހައުސް ރާއްޖޭގައި ކުރިއަށް ދާނަމަ ރަނގަޅު ޓްރާންސްޕޮޓޭޝަން އިންފާސްޓަކްޗާއެއް އޮންނަން ޖެހޭ،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިސްޓުން ވަރަށް ފަސޭހަކަމާއެކު ދަތުރުކުރަން ބޭނުންވާ ކަމަށާއި، މާލެ ކައިރި ހިސާބުތަކުގެ ގެސްޓް ވިޔަފާރި ރަނގަޅުވަނީ އެހެންވެ ކަމަށެވެ.

"މާލެ ކައިރީގެ ގެސްޓް ހައުސް ރަނގަޅީއެހެންވެ. އަޅުގަނޑަކަށް އެނގިފައިވާ ގޮތުގައި ރަސްދޫ އާއި ތޮއްޑޫ އަދި މާފުއްޓަށް ދަތުރުފަތުގެ ނިޒާމު ރަނގަޅު،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ހަމައެކަނި މަތީ ފަންތީގެ ޓޫރިޒަމަށް ވިސްނުން ހުސްކުރުމުގެ ބަދަލުގައި އެކި މާކެޓުތައް ވެސް ބަލަން ޖެހޭ ކަމަށެވެ.

"ކޮންމެ ގައުމެއްގައި ވެސް ޓޫރިޒަމްގެ އެކި ވެރައިޓީތައް ހުންނަން ޖެހޭ. މިސާލަކަށް މަތިންދާ ބޯޓަކަށް ބަލާނަމަ ފަސް ކްލާހާއި ބިޒްނަސް ކްލާސް އަދި ބޮޑު އިކޮނޮމީ ކްލާހެއް އޮވޭ. އެހެންވެ އިކޮނޮމީ ކްލާހުން ދަތުރުކުރާ މީހުން ބޭނުންވާ ތަނަށް ދެވޭނެ ގޮތް ވެސް އޮންނަން ޖެހޭ،" އާދަމް ވިދާޅުވި އެވެ.

"ފަސް ސްޓާއަށް ވެސް ބަލަން ޖެހޭ. އެގޮތަށް ގެސްޓް ހައުސްވެސް ހަމަ ވަރަށް މުހިންމު،" އާދަމް ވިދާޅުވި އެވެ.

ރާއްޖޭގެ ގެސްޓް ހައުސް މާކެޓަކީ މިހާރު އެންމެ ބޮޑަށް ފުޅާވަމުންދާ އެއް ވިޔަފާރި އެވެ. ރާއްޖޭގައި 200 އަށްވުރެ ގިނަ ގެސްޓް ހައުސް އެބަހުއްޓެވެ.