ހަބަރު

ބްރިޖުގެ މަސައްކަތުން ވިކްޓްރީ ރެކަށް ގެއްލުން ވެދާނެތީ ބޮއި އަޅައިފި

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖު އަޅަމުންދާ އިރު އެސަރަހައްދުގައި އޮންނަ ވިކްޓްރީ ރެކަށް ގެއްލުން ވެދާނެތީ، އެތަން ފާހަގަ ކުރުމަށް މާކާ ބޮއި އަޅައިފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ބްރިޖުގެ މަސައްކަތް ކަނޑުމަތީ ކުރަމުންދާ އިރު ވިކްޓްރީ ރެކް އޮންނަ ސަރަހައްދު ފާހަގަ ކުރުމަށް މާކާ ބޮއި އެޅީ މިމަހު ދެވަނަ ދުވަހުގައި ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ޑައިވް ޑެސްކް ޕްރައިވެޓް ލިމިޓަޑްއާ، ޑައިވާޒް ލޮގް މޯލްޑީވްސްއާ، މަލްޓި މެރީން ސާވިސްގެ އިތުރުން ސޭވް ދަ ބީޗް އަދި ސީނީން ފޮޓޯ ގްރަފީ އިން އެހީވެދިން ކަމަށެވެ.

ވިކްޓްރީ ރެކް އޮންނަ ސަރަހައްދު ފާހަގަ ކުރުމަށް ބޮއި އަޅާފައިވާ އިރު، ބައެއް ފަރާތްތަކުން ބުނަމުން އައީ ބްރިޖު އެޅުމުގެ މަސައްކަތުގެ ސަބަބުން ވިކްޓްރީ ރެކަށް ގެއްލުން ވަމުންދާ ކަމަށެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިކްޓްރީ ރެކް އޮންނަނީ ބްރިޖުގެ މަސައްކަތް ކުރިޔަށްދާ ސަރަހައްދާ 150 މީޓަރު ދުރުގައި ކަމަށާއި އެ މަސައްކަތުގެ ސަބަބުން ވިކްޓްރީ ރެކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މާލެ ހުޅުމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށް ދަނީ ޕައިލް ޑްރައިވް ކުރުމުގެ މަސައްކަތެވެ. އެގޮތުން 20 ހޮޅި ކަނޑަށް ފެއްތުމަށް ފަހު ވަގުތީ ބްރިޖު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރު ވިދާޅުވި އެވެ. އަދި އެއަށް ފަހު ބްރިޖުގެ ތަންބުތަކުގެ މަސައްކަތް ފެށޭނެ ކަމަށާއި އަމާޒަކީ 2018 ގެ މިނިވަން ދުވަހަށް ބްރިޖުގެ މަސައްކަތް ނިންމުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.