ހަބަރު

ބްރިޖް ނިމުމުން ރާޅުގަނޑުގައި ރާޅާ އެޅޭނެ: މިނިސްޓަރު

  • ރާޅާ އަޅަން ވަގުތީ ސަރަހައްދެއް ހަމަޖައްސާނެ
  • ބްރިޖްގެ މަސައްކަތް ތާރީހަށް ވުރެ ކުރިން ނިމޭނެ
  • ހުރިހާ މަސައްކަތެއް ދަނީ އީއައިއޭ ހަދައިގެން

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަށް ރާޅުގަނޑު މިހާރު ބަންދުކޮށްފައި ވީ ނަމަވެސް އެ މަސައްކަތް ނިމުމުން ރާޅުގަނޑު ރާޅާ އަޅާ ފަރާތްތަކަށް އަލުން ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބްރިޖާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން އެމަނިކުފާނާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާޅާ އަޅާ ފަރާތްތަކަށް އެކަން ކުރެވޭނެ ގޮތް ހެދުމަށް ޓަކައި އެހެން ސަރަހައްދެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ފަރާތްތައް އެ ސަރަހައްދަށް ހިލޭ ދަތުރު ކުރެވޭނެ ގޮތް ހަދައިދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވީ ރާޅުގަނޑު ސަރަހައްދުގައި ބަންދުކޮށްފައި އޮތީ ބްރިޖިގެ މަސައްކަތް ކުރިއަށްދާތީ އެތަނަށް މޫދަށް އެރުމުން އުނދަގޫވާނެތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބްރިޖް އަޅާ ނިމުމުން ރާޅުގަނޑު ސަރަހައްދު ރާޅާ އަޅާ މީހުންނަށް ހުޅުވާލެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ޕްލެޓް ފޯމްތައް ޖެހުމަށް ބޭނުންވާ 20 ޕައިޕް ޖަހަން ޖެހޭ ކަމަށާއި އަދި މިހާތަނަށް ނުވަ ޕައިޕް ޕައިލް ޑްރައިވް ކުރެވިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ދަނީ އިތުރަށް ހަލުވިކަމާއި އެކު ކުރިޔަށް ކަމަށާއި އެގޮތުން އަންނަ ހަފްތާގައި އެ މަސައްކަތް ނިމި ޕްލެޓް ފޯމް ޖެހުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 2018 ގައި ބްރިޖް ހުޅުވަން ނިންމި ނަމަވެސް މިހާރު މިދާ ސްޕީޑްގައި މަސައްކަތް ދާ ނަމަ މުއްދަތު ދެ މަސް ކުރިން މަސައްކަތްތައް އެކީ ނިންމާލެވޭނެ އެވެ.

"އެ ޕައިޕުތަކުގެ ތެރެއިން 10 ވަނަ ޕައިޕު މިއަދު ޖަހާފައި ވަނީ، އަންނަ ހަފްތާގެ ތެރޭގައި ޕްލެޓު ފޯމުތައް ބަހައްޓާނެ. އަދި ޕްލެޓު ފޯމުތައް ބަހައްޓާ ނިމުނީމާ ދެން އަސްލު ބުރިޖުގެ ފައުންޑޭޝަން ޕައިލްތައް ޖެހުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ފެށާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ ޕައިޕް ޑްރައިވް ކުރުމުގެ މަސައްކަތް ފެށި ފުރަތަމަ ދުވަސް ކޮޅު އެ މަސައްކަތް ކުރުމަށް ދަތިތަކެއް ހުރި ނަމަވެސް މިހާރު އެކަން ކަމުން އަރައިގަނެ ބާރުސްޕީޑެއްގައި މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަސް ތެރޭގައި ބްރިޖުގެ ތަނބުތައް ފެންނަން ފާށާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖްގެ ހުރިހާ މަސައްކަތެއް ވެސް ދަނީ އީއައިއޭ ރިޕޯޓާ އެއްގޮތަށް ކަމަށެވެ. އަދި އެ ރިޕޯޓާ ހިލާފަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާޅުގަނޑުން އެއްވެސް ސަރަހައްދެއް ބްރިޖް އެޅުމަށް ހިއްކަމުން ދޭތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެއްވެސް ދިމާލެއް ހިއްކުމަށް ހަމަޖެހިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ރާޅުބޮޑުކަމުން، ބާޖް ޕްލެޓު ފޯމެއް ބޭނުން ކޮށްގެން ލޮނު ޒިޔާރަތްކޮޅު ސަރަހައްދުގައި ޕައިލް ޓްރައިޕް ކުރުމަށް ދަތިވާނެތީ ބުރިޖު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ އުތުރުން ވަގުތީ ޓްރަސްލް ބުރިޖެއް އަޅައިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.