ހަބަރު

ރިލްވާން ގެއްލުވާލި މައްސަލައިގައި ބޭއްވި މަޖިލީހުގެ ކޮމިޓީ ސިއްރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި މިއަދު ބޭއްވި މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ ސިއްރުކޮށްފި އެވެ.

ރިލްވާން ގެއްލުވާލި މައްސަލައާ ގުޅޭގޮތުން މިއަދު ހެނދުނު 11:00 ގައި ބޭއްވި މި ކޮމިޓީގައި އެޖެންޑާކޮށްފައި އޮތީ މަސައްކަތަކީ ރިލްވާން ގެއްލުވާލި މައްސަލާގެ ތަހުގީގު ހިނގުމުގައި ފުލުހުން އިހުމާލުވެފައިވޭތޯއާއި ގަސްތުގައި ހަގީގަތް ފޮރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބަޔާންކޮށް ކަމާއި ބެހޭ ފަރާތްތައް ހާޒިރުކޮށް އެ މައްސަލަ ދިރާސާ ކުރުމެވެ. އެހެން ނަމަވެސް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ މެމްބަރުން ވަނީ އެކޮމިޓީ ސިއްރު ކުރުމަށް ނިންމާފަ އެވެ.

ރިލްވާން ގެއްލުނު ފަހުން 608 ދުވަހަށް ފަހު ފުލުހުން ބޭއްވި ޕްރެސް ކޮންފަރަންސްގައި ބުނެފައި ވަނީ ރިލްވާންގެ މައްސަލައިގައި ބަލައި ފާސްކުރި ކާރެއްގެ ތެރެއިން ފެނުނު އިސްތައްޓަކުން ރިލްވާންގެ މަންމަގެ ޑީއެންއޭ ލިބިފައިވާ ކަމަށާއި އޮގަސްޓު މަހުގެ އަށް ވަނަ ދުވަހުގެ ރޭގަނޑުގެ ފެރީއިން ފޭބި ފަހުން ރިލްވާން އެއްވެސް މީހަކަށް ފެނިފައި ނުވާ ކަމަށެވެ. ފުލުހުން ދިން ޕްރެސްގައި ރިލްވާން އަށް ފާރަމުން ދިޔަ ބައެއް މީހުންގެ ވީޑިއޯ ތަކެއް ވެސް ވަނީ ދައްކާލާފައެވެ.

އެހެން ނަމަވެސް ގާތްގަނޑަކަށް ދެ އަހަރުގެ ތަހުގީގަކަށް ފަހުވެސް ރިލްވާން ގެއްލުނު މައްސަލަ ރަނގަޅަށް ބެލިފައި ނުވާ ކަމަށާއި ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އޭގެ ފަހުން ރިލްވާން ގެއްލުނު މައްސަލާގައި ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.