ހަބަރު

އެމްއޭސީއެލް އިން ހުޅުމާލެ ހިޔާގައި ކޮމްޕިއުޓަރު ލެބެއް ހުޅުވައި އިތުރު އެހީތަކެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންނަށް ހާއްސަ ކުޅޭ ސަރަހައްދެއް ހަދައި ދިނުމަށް ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)އަށް 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން އެކުންފުނިން މިއަދުވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ކޮމްޕިއުޓާ ލެބެއް ގާއިމްކޮށް 15 ކޮމްޕިއުޓާ ހަވާލުކޮށްފަ އެވެ. މި ކޮމްޕިއުޓާ ލެބް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.

އެ ހަފްލާގައި އާދިލް ވިދާޅުވީ އެކުންފުނިން މުސްތަގްބަލުގައި ކުޑަކުދިންގެ ހިޔާއަށް އަދިވެސް ތަފާތު އެހީތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަސައްކަތް ކުރާނީ ކުދިންނާ އިންޓްރެކްޓްވާ ކަހަލަ ގިނަ ކަންތައްތަކެއް ކޮށްދޭން ކަމަށެވެ.

"ކުޑަ ކުދިން ކުޅޭނެ ތަނެއް ހަދަން ރަނގަޅު ޖާގައެއް ލިބިއްޖެޔާ އަޅުގަނޑުމެން މަސައްކަތް ކުރާނީ ކުޅޭނެ އެއްޗެހި ހޯދައި ރަނގަޅު ފެންވަރުގެ "ޕްލޭ ގްރައުންޑެއް ހަދަން. މިއަދު މި ހަދިޔާ ކޮމްޕިއުޓާ ލެބްވެސް އަޅުގަނޑުމެން ބަލަހައްޓާނަން، ކޮމްޕިއުޓަރުގައި މައްސަލައެއް ޖެހުނަސް އެކަން ހައްލުކުރުމުގައިވެސް ހަރަކާތްތެރިވާނީ އެމްއޭސީއެލްގެ މުވައްޒަފުން" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރެއިން ކުޑަކުދިންގެ ހިޔާގައި އެކުދިންނާއެކު ހަރަކާތްތެރިވާން ބޭނުންވާ މުވައްޒަފުންނަށް ޑިއުޓީގެ ވަގުތުތަކުގައިވެސް ހަރަކާތްތެރިވެވޭނެ ކަމަށެވެ.

މިއަދު ހުޅުމާލޭ ކުޑަކުދިން ހިޔާގައި ބޭއްވި މި ރަސްމިއްޔާތުގައި ލޯ އެންޑް ޖެންޑާ މިނިސްޓަރު މުހައްމަދު އަނިލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަނިލްގެ ވާހަކައިގައި އެއާޕޯޓު ތަރައްގީކުރަން އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވި އެވެ. އަނިލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާ ވެފައިވާއިރު އެއާޕޯޓަކީ ފަތުރުވެރިކަން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ. އެހެން ވީމަ އެއާޕޯޓަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށެވެ.

މިއަދު އެމްއޭސީއެލް އިން ކުޑަކުދިންގެ ހިޔާއަށް މިހަދިޔާ ކުރި ކޮމްޕިއުޓަރުތަކަކީ ސީއެސްއާރު ގެ ދަށުން ހަދިޔާ ކުރި ކޮމްޕިއުޓަު ތަކެކެވެ. އައިއެންއައިއޭ އަށް 50 އަހަރު ފުރުން ފާހަގަކުރަން މިއަދު ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ.