މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން

ގާފަރު ފަޅުން 16 ރަށް ހިއްކަން ހަވާލުކޮށްފި

ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކާއި ރިވެޓްމަންޓް ޖެހުމުގެ ބިޔަ މަޝްރޫއެއް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ސަރުކާރު ކުންފުނި -- މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން މި މަޝްރޫއު ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓޯލް ވާކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މިމަޝްރޫއުގައި ހިއްކާ 16 ރަށުގެ ތެރެއިން 14 ރަށަކީ ޕްރައިވެޓް އައިލެންޑް އަދި އަނެއް ދެ ރަށަކީ ލަގްޒަރީ ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ތަންތަނެވެ. މިއީ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރަން ހަމަޖެހިފައިވާ ތަންތަނެވެ.

މިމަޝްރޫއު ކުރިއަށް ގެންދާއިރު ގާފަރު ރައްޔިތުންގެ ބޭނުންތަކަށް ހިއްކާ 40 ހެކްޓަރުގެ ބިމާ އެކު ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

ބިން ހިއްކުމަށް ޖުމްލަ 29،232،774 މިލިއަން އެމެރިކާ ޑޮލަރު އަދި ރިވެޓްމަންޓް ޖެހުމަށް ޖުމްލަ 36.5 މިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މިމަޝްރޫއަށް އެޑްވާންސް ޕޭމަންޓެއް ދޭން ނުޖެހޭތީވެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

މިމަޝްރޫއުގެ އަގު އެމްއެފްއެމްސީ އިން ކޮންޓްރެކްޓަރަށް ދައްކަންޖެހެނީ ހިއްކާ ރަށްތައް ކުއްޔަށް ދީގެން ލިބޭ އާމްދަނީއަކުންނެވެ.