ހަބަރު

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އުފެއްދުމުގެ ބިލު ފާސްކޮށްފި

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް" ގެ ނަމުގައި މުއައްސަސާއެއް އުފެއްދުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި މި ބިލު ފާސްވީ 53 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް މި އިސްލާހު ފާސް ނުކުރުމަށް ތިން މެމްބަރަކު ވޯޓު ދެއްވި އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހުގެނެސް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް އުފެއްދުމަށް ސަރުކާރުން ނިންމެވީ ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމް ކުރުމުގައި ދިމާވައި ގޮންޖެހުންތަކާއި ރައްޔިތުން މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ގައުމީ ފެންވަރެއްގައި ހައްލު ކުރުމަށެވެ. އަދި އިސްލާމީ ފިގުހީ އާ މައްސަލަތައް ދިރާސާކޮށް އެކަމާއި ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއި އެކީ ފޯރުކޮށްދިނުމެވެ.

މި ބިލްގައިވާ ގޮތުގެ މަތިން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ނަމުގައި ފަސް މެމްބަރުންގެ މައްޗައް އެކުލެވިގެންވާ އޮފީހެއް ރައިސުލް ޖުމްހޫރިއްޔާ ގާއިމްކުރަން ޖެހޭނެ އެވެ. އަދި އެފަސް މެމްބަރުންގެ ތެރެއިން އިސްލާމިކް އެފެޔާޒް އިން ކަނޑައަޅައި މެމްބަރަކާއި އުއްތަމަ ފަނޑިޔާރު އަދި އިސްލާމިކް ޔުނިވާސިޓީގެ ލަފާގެ މަތިން އައްޔަން ކުރާ މެމްބަރެއްގެ އިތުރުން ރައިސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ ދެ މެމްބަރުން ހިމެން ޖެހެ އެވެ. މިމަޖިލީހަށް އިސްލާމިކް އެފެޔާޒް ގެ ބާރުފޯރުވޭނެ ކަމަށް ވެސް މި ބިލުގައި ބުނެފައިވެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ޒިންމާތަކުގެ ތެރެއިން ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މުޖުތަމައުއަށް ބޭނުންވާ ދީނީ ފަތުވާ ދިނުމާއި އިސްލާމީ އުންމަތަށް ދިމާވާ ފިގުހީ އާމައްސަލަތަކަކީ ކޮބައިކަން ދެނެގަނެ އެފަދަ މައްސަލަތަކުގެ ތެރެއިން ރައްޔިތުންނަށް ދޭން މުހިންމު ކަން ކަމުގައި ފަތުވާ ދިނުމެވެ. މީގެ އިތުރުން އެކި ދައުލަތުގެ މުއައްސަސާތަކުން މިމަޖިލީހުގެ ލަފަޔަކަށް އެދިއްޖެ ނަމަ އެކަން ކޮށްދިނުމާއި ރައްޔިތުން މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލުން ވެސް ހިމެނެ އެވެ.