ހަބަރު

ރަބަރޭ މަރާލި މައްސަލާގައި މާލެއިން މީހަކު ހައްޔަރުކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު ލަންކާގައި، ހ. ހަންޑްރެޑް ފްލާވާ، ހުސައިން ރަޒީން (29އ)، އަނިޔާތަކާއެކު މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހުސައިން ރަޒީން (ރަބަރޭ)ގެ މަރުގެ މައްސަލައާ ގުޅިގެން މިއަދު މެންދުރެއްހާއިރު މީހަކު ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުން ރާއްޖޭގައި ކުރަމުންދާ ތަހުގީގަށް ލިބިފައިވާ ހެއްކާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

“ހުސައިން ރަޒީން (ރަބަރޭ) މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ރާއްޖޭގަ މިވަގުތު ތިބި މީހުންގެ ބައި، ލަންކާ ފުލުހުންނާ ގުޅިގެން މިދަނީ ތަހުގީގު ކުރަމުން،" ރިޔާޒް ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ޝްރީލަންކާގެ ފުލުހުންނާއެކު ވަނީ ހަރަކާތްތެރިވެފަ އެވެ.