ޓެކްނޯލޮޖީ

ޕްލާސްޓިކް ފުޅި މަދުކުރަން މޮޅު ގޮތެއް!

ދުނިޔޭގައި ތިމާވެއްޓަށް މިހާރު ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ޕްލާސްޓިކް ފަދަ ތަކެތި ނައްތާލުމުގެ މައްސަލަ އެވެ. މި ފަދަ ތަކެތި ނައްތާލުމަށް ތަފާތު އެކި ހައްލުތައް މިއަދާ ހަމައަށް އައި އިރު ވަނީ ހޯދިފައެވެ. ނަމަވެސް މިކަމަށް އަދި ވެސް ދާއިމީ ހައްލެއް ލިބޭވަރު އަދި ނުވެއެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި އައިސްލޭންޑްގައި ބޭއްވި ޑިޒައިން މާޗް 2016 ފެސްޓިވަލުގައި އަރީ ޖޯންސަން ނަމަކަށް ކިޔާ ޒުވާނަކު ވަނީ ވަރަށް ތަފާތު އުފެއްދުމެއް ދައްކާލާފަ އެވެ. މި އުފެއްދުން ދައްކާލި ޒުވާނާއަކީ އައިސްލޭންޑްގެ އެކަޑަމީ އޮފް އާޓްސްގައި ކިޔަވަމުންދާ ޒުވާނެވެ.

އޭނާ ދައްކާލި އުފެއްދުމަކީ އަލްގޭ ނުވަތަ ފެހި ބޭނުން ކޮށްގެން އުފެއްދި ފުޅި ތަކެކެވެ. އެ ފުޅިތަަކަކީ ގިނަ ދުވަސް ވުމުން އެ އަމިއްލައަށް އަލްގޭ އަށް ބަދަލު ވެގެން ދާ ފުޅިތަކެެކެވެ. މި އުފެއްދުން އުފެއްދުމަށްޓަކާ ބޭނުން ކޮށްފައިވާ ކެމިކަލް އަށް ކިޔަނީ އަގާ ޕައުޑާއެވެ. މި ޕައުޑާއަކީ އަލްގޭ ބޭނުން ކޮށްގެން ހަދާފައިވާ ޕައުޑާއެެކެވެ.

ގިނަ ކެމިކަލްތަކަކާއި ގިނަ މެޓީރިއަލްތަކެއް ބޭނުންކޮށްގެން ނައްތާލަން އުދަނގޫ އަދި ތިމާވެއްޓަށް ގެއްލުން ހުރި ޕްލާސްޓިކް ފުޅިތަކެއް ނަމަވެސް ޖޯންސަން ދައްކާލި ފުޅިތަކަކީ ތިމާވެއްޓަށް ގެއްލުންދޭނެ ފުޅިތަކެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މި ފުޅި މޫދަށް އުކާލި ނަމަވެސް ތިމާވެއްޓަށް އެއްވެސް ވަރަކަށް ގެއްލުމެއް ނުވެ އެވެ.

އަލްގޭ ބޭނުން ކޮށްގެން އުފެއްދި މި ފުޅިއަކީ އަދި ހަމައެކަނި ކޮންސެޕްޓެކެވެ. މި ފުޅި ބާޒާރަށް ނެރުމުގެ ހިޔާލެއް އަދި ނެތެވެ.

މި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ހުސްކޮއްލާތާ ގިނަ އިރު ނުވަނީސް ފުޅި ޑީކޮމްޕޯޒް ވާން ފަށައެވެ. އޭގެ އިތުރުން މި ފުޅި ޑީކޮމްޕޯޒް ކޮއްލުމަށްޓަކައި ފުޅި ކައި ވެސް ލެވިދާނެ އެވެ. އަދި މިފުޅި ކައިގެން އެއްވެސް ގެއްލުމެއް ވެސް ހަށިގަނޑަށް ނުވެ އެވެ. ސަބަބަކީ މި ފުޅި އުފައްދާފައިވަނީ ގުދުރަތީ އަދި ވިހަ ނޫން މާއްދާތަކެއް ބޭނުކޮށްގެން ކަމަށް ވާތީއެވެ.

މި ފުޅިއަކީ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ފުޅިއެކެވެ. އެހެން ކަމުން މި ފުޅި ބާޒާރަށް ނެރެފި ނަމަ މޫދަށް އަޅާ ޕްލާސްޓިކް ފުޅި ތަކުގެ ސަބަބުން މޫދުގައި އުޅޭ ދިރޭތަކެއްޗަށް ގެންލުން ލިބޭވަރު ވަރަށް ބޮޑަށް ކުޑަވެގެން ދާނެއެވެ. އަދި ޕްލާސްޓިކް ނައްތާލަން ކުރާ މަސައްކަތް ކުރާކަށް ވެސް ނުޖެހޭނެއެވެ.