ހަބަރު

އަބުރާ ގުޅޭ ބިލް ފާސްކުރާނީ ބިލް އަލުން ޑްރާފްޓް ކޮށްފައި: އުމަރު

  • ބިލް އަލުން ޑްރާފްޓް ކުރަނީ ތިން ވަޒީރުންގެ ކޮމިޓީއަކުން
  • ބިލް ހުށަހަޅާފައި އޮތީ ސަރުކާރާ މަޝްވަރާނުކޮށް
  • މީޑިއާތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ

ރައްޔިތުން މަޖިލީހަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުށަހަޅުއްވާފައިވާ "އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާބެހޭ ބިލް" މިހާރު އެ އޮތް ގޮތަށް ފާސް ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އެ ބިލާ ގުޅޭ ގޮތުން މިހާރު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ދިޓީވީގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ، އަބުރާ ގުޅޭ ގޮތުން ހުށަހަޅާފައި އޮތް ބިލަކީ ސަރުކާރާ މަޝްވަރާ ކުރެވިގެން ޑްރާފްޓް ކޮށްފައިވާ ބިލެއް ނޫން ކަމަށާއި، މީޑިއާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސަރުކާރުގެ ތެރޭގައި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ސީދާ ގެ ނިންމެވުމެއްގެ ދަށުން މީޑިއާއަށް ދަތި ނުވާނެ ގޮތަށް ބިލް އަލުން ޑްރާފްޓް ކުރުމަށް ތިން ވަޒީރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ނަގައި އެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ މީޑިއާތަކުގެ ހުރި ކަންބޮޑުންތައް ބަލައި، އެކަންކަން ބިލުން އުނިކުރަން މަސައްކަތް ކުރަމުން، ސަރުކާރުގެ ރައިސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަކަށް ސަރުކާރުގެ އެންމެ އިސް ތިން ވަޒީރަކު މިވަނީ މިކަމަށް އައްޔަންވެފައި، އަދި މިހާރު މި ބިލް އަލުން ރީ ޑްރާފްޓްކުރުމުގެ މަސައްކަތް ސަރުކާރުގެ ތެރެއިން އެބަ ހިނގާ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އަލުން ބިލް ޑްރާފްޓް ކުރެވިގެން އަންނަ އިރު ހުރިހާ ކަންބޮޑުވުންތަކަކަށް ވެސް ހުންނާނީ އެޑްރެސް ކުރެވިފައި ކަމަށެވެ. މިހާރު އޮތް ގޮތަށް ހަރުކަށިކޮށް އެ ބިލް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް މީޑިއާ އިން ވެސް ޒިންމާދާރުކޮށް މައުލޫމާތު ފެތުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެޗެ.

"އެކަމަކު މީޑިއާ ވެސް އެބަޖެހޭ ޒިންމާދާރު ވާން، މީޑިއާއަށް އޮންނަ އިހުތިޔާރެއް އެއީ މީހަކު ދައްކާ ވާހަކައެއް ބްރޯޑްކާސްޓް ކޮށްލުމަކީ، މަޖިލީހުގެ ތެރޭގައި މެންބަރަކު އެއްޗެއް ބުނި ނަމަވެސް، އެ ގޭގެ ސިޓިން ރޫމްތަކަށް ފޮނުވާލުމުގެ ބާރު އޮންނަނީ މީޑިއާތަކަށް، ފޮނުވައިދިނުމާއި ނުފޮނުވައިދިނުން އޮންނަނީ މީޑިއާގެ އަތް މަތީގަ، މަޖިލީހުގައި މެންބަރަކު ދައްކާހާ ވާހަކައެއް ކޮންމެހެން ފޮނުވައިދޭކަށް ނުޖެހޭ، މީޑިއާ ޖެހޭނެ ޒިންމާވާން، މިވެނި މީހަކު މިހެން ވިދާޅުވިއޭ ކިޔާފަ ހަމަ ފޮނުވައިގެން ނުވާނެ،" އުމަރު ވިދާޅުވި އެވެ.

އަބުރާ ގުޅޭ ބިލްގައި މިހާރު އޮތް ގޮތުން އިސްލާމް ދީނާ ހިލާފަށް ހިޔާލުފާޅު ކުރުމާއި މީހެއްގެ ނަމަށް ނޫނީ ހައްގަކަށް އުނިކަން ލިބޭ ގޮތަށް ސާބިތު ނުހިފޭ ވާހަކައެއް ދެއްކުން ނޫނީ ކުރެހުމެއް ނޫނީ ލިޔުމެއް ވެސް އާންމު ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ސާބިތު ނުހިފޭ ވާހަކަތަކެއް މީޑިއާއިން ޝާއިއުކޮށް މީހެއްގެ އަނބުރު ގެއްލުވާލައިފި ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރަށް އެ މީޑިއާއެއްގެ މައްސަލަ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައި ފިޔަވަޅު އެޅުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.